ލ.މާބައިދޫގައި ޤާއިމުކުރަން ހަމަޖެހިފައިވާ އައިސްޕްލާންޓް ޤާއިމްކޮށް ހިންގުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ޙަވާލުކުރައްވައިފި އެވެ. މާބައިދޫގައި ޤާއިމު ކުރަން ހަމަޖެހިފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ފެނަކައިން ބުނީ، ފެނަކައިގެ އޮފީސްތައް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހުރުމުގެ ސަބަބުން އައިސްޕްލާންޓަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ވަރަށް ފަސޭހަވާނެކަމަށާއި، މައްސަލަޖެހޭ އައިސްޕްލާންޓްތަކުން ޚިދުމަތް އަލުން އިއާދަ ކުރުމަށް ނަގާ މުއްދަތު ކުޑަކުރެވިގެން ދާނެ ކަމުގަ އެވެ.
ގދ. ފިޔޯރީއާއި އެއަތޮޅު މަޑަވެލީގައިގައިވެސް އައިސްޕްލާންޓް ޤާއިމުކުރަން މިހިނގާ 2023 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވަނީ ހަވާލުކޮށްފަ އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން، މި ދެ ރަށުގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްވެސް ޙަވާލުކުރައްވާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ އެވެ.
ނިމިދިޔަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުން 13 އައިސްޕްލާންޓެއް ހިންގުމުގެ މަސްޢޫލިއްޔަތު ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ހަވާލުކުރައްވާފައެވެ. މި 13 އައިސްޕްލާންޓް ފެނަކައާއި ޙަވާލުކުރެއްވުމުގެ ކުރިން ހިންގަމުން ގޮސްފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިންނެވެ.









