ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ހުޅުލެ ފަޅުން ބިން ހިއްކަވައިގެން ތަރައްޤީކުރައްވާފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހިން ދައުލަތުގެ ބޭނުންފުޅަށް 17 ބިމެއް ދިވެހި ސަރުކާރުން ބައްލަވައިގެންފި އެވެ.
ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ވަނީ ހުޅުލެ‘ ފަޅުން ބައެއް ހިއްކަވައިގެން ހުޅުމާލޭގެ ނަމުގައި ރަށެއް ތަރައްޤީ ކުރައްވާފަ އެވެ.
އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުލެ ފުރަތަމަ ފިޔަވައްސާއި ފަރުކޮޅުފުއްޓާއި ގުޅުވާލައި ހުޅުމާލެ ފަޅުހިއްކައިގެން ހުޅުމާލެ ފޭސް ދޭއްގެ ނަމުގައި ވަނީ ރަށެއް ތަރައްޤީކުރައްވާފަ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ދަށުގައި އޮންނަ ހުޅުމާލެއިން ދިވެހި ސަރުކާރުގެ ބޭނުންފުޅަށް މިހާރު ވަނީ 17 ބިމެއްވަނީ ބައްލަވައިގެންފަ އެވެ.
ސަރުކާރުގެ ބޭނުންފުޅަށް ހުޅުމާލެއިން ބައްލަވައިގެންފައިވަނީ 15،000 އަކަފޫޓާއި 66،000 އަކަފޫޓާއި ދެމެދުގެ ބިންތަކެވެ. މި ބިންތައް ސަރުކާރަށް ބައްލަވައިގެންފައިވަނީ 878 (އައްސަތޭކަ ހަތްދިހަ އަށް މިލިއަން) ރުފިޔާއަށެވެ.
މި ދެންނެވި ބިންތަކަކީ ދައުލަތުގެ ބޭނުންފުޅަށް ބައްލަވައިގަންނަވާ ބިންތަކެއް ނަމަވެސް، އެ ބިންތަކުގައި ކުރައްވާނެ މަސައްކަތްތަކުގެ ތަފްޞީލެއް އަދި މިހާތަނަށް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ހާމަކުރައްވާފައެއް ނުވެއެވެ.
ދިވެހި ސަރުކާރުން ބައްލަވައިގެންފައިވާ މި ބިންތަކަށް ފައިސާ ދައްކަވައި ޚަލާސްކޮށްފައި ވާތީ. ސިވިލް ކޯޓުންވެސްވަނީ މި ހަފްތާގެ ތެރޭގައި އެ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ނިންމައި، އެ ބިންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބިލައްވާފައިވާކަމަށް ކަނޑައަޅުއްވައި ނިންމަވާފަ އެވެ.









