ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކޮޅުމަޑުލު ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އައްޔަނުކުރެއްވުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަން ބޭނުންވެލައްވާ ފަރާތްތަކަށް ޕްރައިމަރީގައި ވާދަކުރެއްވުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، މަޖިލީހުގައި ގުރައިދޫ ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންވާ މެމްބަރު އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާއި ގުޅިގެންނެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގައި 14 އަހަރަށްވުރެ ގިނަދުވަހު ގުރައިދޫ ދާއިރާ ތަމްސީލު ކުރައްވާފަ އެވެ.
ޕީޕީއެމް އިން ހާމަކުރެއްވިގޮތުގައި ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮޑިއަށް ވާދަކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ނަން ހުށަހެޅުއްވުމުގެ ފުރުޞަތު މިއަދު މެންދުރު ފަހު 2:30 އާ ހަމައަށް ވަނީ ހުޅުވާލައްވާފަ އެވަ. އަދި ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށްވެސް ފީޕީއެމް އިން ހާމަކުރައްވަ އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 2:00އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައްވާފައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން މިހާތަނަށް ނިންމާފައިވަނީ ޕީޕީއެމްގެ އިތުރުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީނާއި އެމްއެންޕީން ނެވެ.
އެމްޑީޕީން ޕްރައިމަރީ އަށް ހުޅުވައިލުމުން ހަތަރު މީހަކު ނަން ހުށަހަޅާފައިވެ އެވެ.









