ގދ. ފިޔޯރީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުންނާއި ރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފިޔޯރީ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ އެރަށުގެ ސްކޫލުގައި ދާދި ފަހުން ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ރަށުގެ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރަންޖެހުމުންނާއި އެ ހާދިސާގެ ސަބަބުން ސްކޫލު ހިންގުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރައްވާފައެވެ. އަދި އެ ބޭފުޅުން ވަނީ ރަށުގެ ޞިއްޙި މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފަ އެވެ.
ފިޔޯރީގެ ތަރައްޤީއަށްޓަކައި ހިންގާ ބައެއް މަޝްރޫޢުތައް ލަސްވަމުންދާތީ އެކަންކަން އަވަސް ކުރުމަށް ބޭނުންވާކަމުގައިވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ. އެގޮތުން ފެނާ ނަރުދަމާގެ މަޝްރޫޢު އެބޭފުޅުން ފާހަގަކުރެއްވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެއްވެސް ރަށެއް ބާކީ ނުކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާ އެކަންކަމަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.









