Search Streamline Icon: https://streamlinehq.com

ފަހުގެ

ރޯދަމަޖާ- 02: ހަސަންބެ ނިދީގައި ހާރުކެއުން

Roadha Majaa 2 Fenvaruonlin

ހަސަންބެއަކީ އާދަޔާ ޚިލާފަށް ނިދިގަދަ މީހެކެވެ. ރޯދަމަސް ނޫން މަސްމަހުގައިވެސް ހަސަންބެއަކީ ނިދާފައި ހުރެގެން ކައިބޮއެވެސް ހަދާ މީހެކެވެ. އެހެން ނަމަވެސް ދުވާލުވީމާ އެވާހަކަ ދެއްކިއަކަސް އެފަދަކަމެއް ހިނގިކަމެއް ހަސަންބެއަށކަށް އެނގޭކަމަކަށް ނުވެއެވެ. ކޮންމެ އަހަރަކުވެސް ރަމަޟާންމަހު ނިދާފައި އިނދެގެން ހާރުކެއުމުގެ ތެރޭގައި ވަރަށް މަޖާ ކަންތައް ހަސަންބެ ކުރާކަމަށް ވެއެވެ.

ވަރަށް މަސް ނުބާނާ ރަމަޟާން މަހެކެވެ. ދިވެހީންގެ އާދަކާދައިގެ ގޮތުން މައިގަނޑު ލައިގެންކާ އެއްޗަކީ މަހެވެ. ޚާއްޞަކޮށް އިހުޒަމާނުގައި މަސް ނުލިބެއްޖެނަމަ ލައިގެންކާ އެއްޗެއް ނުލިބުނީއެވެ. ހަސަންބެ އާދައިގެ މަތީން އަންހެނުން ހާރުކާން ގޮވީމާ ތެދުވެގެން ކާމޭޒުދޮށަށް ދިޔައިރުވެސް ހަސަންބެ ހުރީ ނިދާފައެވެ.

ލައިގެންކާ އެއްޗެހި ދަތިކަމުން ހާރުކާން ހުރީ ޖެހިގެންހުރި އިސްމާއީލްފުޅު ގެއިން ދިން އެންމެ ރިހަ ބޯތައްޓެކެވެ. ހަސަންބެއާއި ހަސަންބެގެ އަންހެނުންނާއި ދެދަރިން ހާރުކާން ދިޔައީ އެކީގައެވެ. އެއީ އެންމެ ރިހަބޯތައްޓެއް ހުރީމާ އެންމެން އެކީގާ ކާލުމަށެވެ. ރިހަބޯތަށީގެ އިތުރަށް ބަތްޕެން ބޯތައްޓަކާއި ކަށިކޭލުފަނި ބޯތައްޓެއްވެސް މޭޒުމަތީގައި ހުއްޓެވެ. ހަސަންބެއަކީ ކަށިކޭލުފަނި މީރު މީހެކެވެ.

ހަސަންބޭގެ އާދައިގެ މަތިން ހާރުކާން ގޮވީމާ ނިދާފައި ހުރެގެން މޭޒުދޮށުގައި އިށީނެވެ. ހަސަންބޭގެ ދެދަރިންވެސް ހާރުކާން އިށީނެވެ. ހަސަންބެ އިށީނުމަށްފަހު ނިދީގައި އިނދެގެން ތައްޓަށް ބަތް އެޅިއެވެ. އަދި މޭޒުމަތީގައި ހުރި ކަށިކެޔޮފަނި ބޯތަށި ބަތްތައްޓަށް އަޅާ މޮޑެލިއެވެ. ހަސަންބޭގެ ދެދަރިންނަށް ބައްޕަ މިކުރާ މަޖާކަންތަކަށް އެއްޗެއް ބުނަން ނުކެރިފާ ބަލަން ތިބެވުނީއެވެ.

ހަސަންބެ ކަށިކެޔޮފަނި އަޅާ ބަތްތަށި މޮޑެލުމަށްފަހު ނިދާފައި އިނދެގެން ކާން ފެށިއެވެ. އަދި ޖެހިގެން ހުރި ރިހަބޯތަށީގައި ތުންޖަހާ ބޯންފެށިއެވެ. ހަސަންބެގެ ދެދަރިން ބައްޕަގެ މިހާރުކެއުމަށް ހިނިއައިސްފައި ލަދުން އެއްޗެއް ބުނަން ނޭންގިފައި ތިއްބާ ހަސަންބެ ކަށިކެޔޮފަނި އަޅާ މޮޑެގެން ބަތްކަމުން ރިހަބޮމުން ގެންދަނީ ހަމަރަނގަޅަށް ނިދާފައި އިނދެގެންނެވެ.

ހަސަންބެގެ އަންހެނުންނަށް އާދެވުނުއިރު ރިހަބޯތަށި ބޮއެ ހުސްކޮށްލައިފިއެވެ. ހަސަންބެގެ އަންހެނުން ހަޅޭއްފަޅޭއް ލަވައިގަތުމުން ހަސަންބެ ލޯހުޅުވާލާފައި ފާޑަކަށް ތެދުވެގެން ފެންވެސް ނުބޮއެ ނިދީގައި ހުރެގެންގޮސް ނިދަން އޮށޯވެއްޖެއެވެ. ހަސަންބޭގެ ދެދަރީންނާއި އަންހެނުން އަނެއްދުވަހު ރޯދަހިފަން ޖެހުނީ ލައިގެންކާނެ އެއްޗެއް ނެތިގެން ހާރު ނުކައެވެ.  

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި