މި ހިނގާ އޭޕްރީލްމަހުގެ ތެރޭގައި ކޮވިޑް-19 އަށް އިތުރު 148 މީހަކު ރާއްޖެއިން ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފި އެވެ. އެޗްޕީއޭއިން ހާމަކުރެއްވިގޮތުގައި މި މަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 100 މީހަކު ޕޮޒިޓިވްވެފައިވަނީ މާލޭ ސަރަހައްދުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 11 މީހަކު ކަމަށާއި 37 މީހަކު ޕޮޒިޓިވް ވެފައިވަނީ ރެސޯޓުތަކާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ސަރަހައްދު ތަކުން ކަމަށްވެސް އެޗްޕީއޭއިން ހާމަކުރައްވަ އެވެ.
އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މި ބަލިޖެހިފައިވާ މީހުންގެ ތެރެއިން 28 މީހަކު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ގެންދަނީ ފަރުވާކުރަމުންނެވެ.
އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވި މީހުންގެ ޖުމްލަ އަދަދަކީ 186،042 އެވެ. އަދި މި ބަލީގައި 311 މީހަކު ރާއްޖެއިން މަރުވެފައިވާކަމަށްވެސް އެޗްޕީއޭއިން ހާމަކުރައެްވަ އެވެ.
އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މިދުވަސްވަރަކީ ރާއްޖޭގައި ކޮވިޑާއި، އަރިދަފުސްރޯގާއާއި، ޑެންގޫ ހުން ފަދަ ބަލިތައް ފެތުރެމުންދާ ދުވަސްވަރެކެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށާއި، ސައިބޯނި ލައިގެން ގިނައިން އަތްދޮވުމާއި، ސެނިޓޭޒަރ ބޭޏުން ކުރުމުގެ އިތުރުން މާސްކް ބޭނުން ކުރުމާއި މީހުން އެއްވާ ތަންތަނުގައި ގައިދުރުކަން ބެހެެއްޓުމަށް އެޗުޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ނުރައްކައުތެރި ބަލިތަކާއި ކޮވިޑް-19 ފަދަ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ރޯގާޖެހި ދިގުލައިދާނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނޭ ފަރާތްތަކުން ވީހާސްވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމާއި، އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވާވާނޭހެން ރަނގަޅަށް މާސްކު އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.
މީގެ އިތުރުން އާންމު ތަންތަނުގައި އުޅޭއިރު ގައި ދުރުކަން ބެހެއްޓުން ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރެއްވުން މުހިންމެވެ. އަދި ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތްދޮވުމާއި، ސެނިޓައިޒަރ ބޭނުންކޮށްގެން ރަނގަޅަށް އަތް ސާފުކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
ބަލިޖެހުމުން ނުރައްކާވުމުގެ ފުރުޞަތު ބޮޑުމީހުން ބޭރުގައި އުޅޭއިރު އަދި ގިނަމީހުންގެ ތެރެއަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުމާއި، ކޮވިޑް ވެކްސިން ފުރިހަމަ ކުރުމާއި އަދި ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ބޫސްޓަރ ޑޮޒް ފުރިހަމަ ކުރުމަކީވެސް ވަރަށް މުހިންމު ކަމެއްކަމުގައި އެޗްޕީއޭއިން އިލްތިމާސް ކުރައްވަ އެވެ.









