އަންނަ ރިޔާސީ އިންތިޚާބުގައި މުޅިން އަލަށް އެކާވީސްހާސް ޒުވާނުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާއިރު، އެ ލިސްޓްގައިވާގޮތުން 282755 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138347 އަންހެނުންނެވެ. ލިސްޓުގައިވާ ގޮތުން މިއަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ، ދެވަނަބުރުގެ ވޯޓްލުން ސެޕްޓެމްބަރު 30 ގައި ބޭއްވުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 262135 މީހުންނަށެވެ. ނަމަވެސް މި އަހަރު ރިޔާސީ އިންތިޚާބުގައި 2018 ވަނަ އަހަރަށްވުރެ އިތުރަށް 19755 މީހުންނަށް ވޯޓްލުމުގެ ޙައްޤު ލިބިގެންދާނެ އެވެ. މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.
އިލެކްޝަނުން ވަނީ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ހުޅުއްވައިލައްވައިފައެވެ. ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
ޤާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް މިހާތަނަށް އިޢުލާން ކުރައްވާފައިވަނީ ވެރިކަންކުރާ މައި ޕާޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. އަދި އިދިކޮޅު މައި ޕާޓީކަމުގައިވާ ޕީޕީއެމްއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤާއްޔޫމް އާއި، އެމްއެންޕީގެ ފަރާތުން އެޕާޓީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމްއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއާއި، މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ޑރ.މުޙައްމަދު މުނައްވަރުގެ އިތުރުން ޢުމަރު ނަޞީރުވެސް މި އިންތިޚާބުގައި ވާދަކުރެއްވާނެކަމަށް ވަނީ އިއުލާން ކުރައްވާފަ އެވެ.
އަންނަ ސެޕްޓެމްބަރ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު އަންނަ ޖުލައިމަހުގެ 23 ވަނަ ދުވަހުން ފެށީގެން އޯގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވެލައްވާ ކެންޑިޑޭޓުންނަށް ހުޅުވާލައްވާނެ އެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް 9 އޯގަސްޓްގައި އެކަން އިޢުލާންކުރައްވާނެ އެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރ ވާ ހުކުރު ދުވަހާއި ހަމައަށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ދެއްވުމަށްވެސް އިލެކްޗަންސް ކޮމިޝަނުން ވަނީ ނިންމަވާފަ އެވެ.










