ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފި އެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއި ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ސަމާލު ނެރެފަ އެވެ. އެހެންކަމުން ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރައްވައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން އިލްތިމާސްކުރައްވަ އެވެ.
ކަނޑުދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަޤީންކުރުމަށްވެސް ފުލުހުން އިލްތިމާސްކުރައްވަ އެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް ފުލުހުން އިލްތިމާސް ކުރައްވައެވެ. އަދި ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އުޅަނދު ދުއްވާ ފަރާތްތަކުންވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަމުގައި ފުލުހުން ހާމަކުރައްވަ އެވެ.
މޫސުން ގޯވެ، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުމުގައިވެސް ސަމާލުކަން ދެއްވުމަށާއި، ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި އުޅަނދުގެ ސްޕީޑް ބެހެއްޓުމާއި ވިއްސާރައިގައި ދުއްވާއިރު އުޅަނދުގެ ހެޑްލައިޓް ދިއްލުމަކީ ރައްކާތެރިކަމެއް ކަމުގައި ފުލުހުން ވިދާޅުވި އެވެ. އަދި ވިއްސާރަވެ މަގުމަތީގައި ފެންބޮޑުވެފައިވާ ވަގުތުތަކުގައާއި އެނޫން ވަގުތުތަކުގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން އިލްތިމާސްކުރައްވަ އެވެ.









