މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއްގެ ޚަބަރެއް ނުވެގެން އެ ބޯޓު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑުން ފައްޓަވައިފިއެވެ.
އެމްއެންޑީއެފް އިން ހާމަކުރެއްވިގޮތުގައި ފުރިފަހުން ޚަބަރެއްނުވެގެން ހޯދަމުންދާ ބޯޓަކީ މާލެއާއި ވ.އަތޮޅާއި މ.އަތޮޅާ ދެމެދު ދަތުރުކުރާ އެމް ސާވަރީ ނަމަކަށް ކިޔާ ބޯޓެކެވެ.
ރޭ މެންދަމު 01:30 ހާއިރު މާލެއިން ފުރައިގެން ވ.ފެލިދޫއަށް ދަތުރުކުރި ”އެމް ސަވާރީ“ ބޯޓްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ ފައްޓަވާފަ އެވެ.
އެ ބޯޓު ދަތުރުކުރަމުން އައީ ދެ ބިދޭސީންނާއެކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، ބޯޓު ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުން މިއަދު ފަށްޓަވާފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވަ އެވެ.
މި ބޯޓް ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 06:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރައްވަ އެވެ.
އެމް ސަވާރީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ ކ.ގުރައިދޫ އިރުން 10 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވައިގެ މަގުންނާއި ކަނޑުމަގުން ދަނީ ކުރަމުންނެވެ.
މިއުޅަނދަކީ ބޭރުގައި ހުދު ދަވާދުލާފައިވާ 75 ފޫޓްގެ އުޅަނދެއްކަމަށާއި މި އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީންނާއެކު ޖުމްލަ 4 މީހުން ދަތުރުކުރި ކަމަށްވެސް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވަ އެވެ.
މި އުޅަނދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރެއްވުމަށްވެސް އެމްއެންޑީއެފް އިން އެދިލައްވަ އެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސް ވަރަކަށްވާތީ ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.









