ފެނުމުން މަހުރޫމުވެފައިވާ ނުވަތަ ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ.
ޖީހާން މި އިސްލާހު ހުށައެޅުއްވުމުގެ ބޭނުމަކީ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމަކާއި ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމުގެ ފުރުޞަތު ފަހިކޮށްދެއްވުމެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި އިޞްލާޙުގައި، ފެނުމުން މަޙްރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކަށް، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެ ކަމަށާއި އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ބޭނުންކުރެވިދާނެ ކަމަށް ޖީހާން ހުށަހެޅުއްވި އިޞްލާހުގައި ވިދާޅުވެފައިވެއެވެ.
މި އިޞްލާޙުގައިވާ ގޮތުން ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު މި ފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ކަނޑައަޅުއްވަންވާނެއެވެ.
ފެނުމުން މަޙްރޫމްވެފައިވާ މީހުންވެސް ވޯޓްފޮށްޓަށް ވޯޓު ކަރުދާސް ލާންވާނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ކަރުދާސް ފަތްޖަހާފައި ކަމަށް އިޞްލާޙުގައި ވެއެވެ.









