ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިއަދު އެމްޑީޕީން ވަކިވެވަޑައިގަތުމަށް އެ ޕާޓީއަށް ފޮނުއްވި ސިޓީފުޅުގައި ވަނީ، މި ވަގުތު ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބައްލަވައި އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިނުގަންނަވާތީ ޕާޓީން ވަކިވެވަޑައިގަންނަވާ ކަމަށެވެ.
އެމަނިކުފާނުގެ މި ސިޓީފުޅާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސިފަ ކުރައްވާފައިވަނީ މިއަދަކީ ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ.
ފައްޔާޒް ވިދާޅުވީ، ޕާޓީގެ ނަމުގައާއި އަމިއްލަ ނަމުގައި ރައީސް ނަޝީދަށް ކާމިޔާބާއި މަރުހަބާ ދަންނަވާ ކަމަށާއި މިއަދަކީ ހިތާމަވެރި ދުވަހަކަށް ވާއިރު، މިކަމުގެ ސަބަބުން ހުރިހާ ޕާޓީތަކަކަށް ވެސް އެ ޕާޓީއެއް އިޚްތިޔާރު ކުރާ މަގުގައި ކުރިއަށް ދިއުމަށް މަގު ފަހިވެގެން ދާނެ ކަމަށެވެ.
ފައްޔާޒް ވިދާޅުވިއެވެ. ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގެ ތެރެއިން އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތްޕުޅުތަކާއި އެމަނިކުފާނުގެ ލީޑާޝިޕްގައި ހޯއްދެވި ކާމިޔާބީއަށް ޝުކުރު ދަންނަވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ އެމަނިކުފާނު އިސް ވެ ހުންނަވާ އެމްޑީޕީން ވަކިވި ”ފިކުރެއްގެ ދިރުން“ ފެކްޝަންގެ ބައިވެރިން ހެދި ’ދަ ޑިމޮކްރެޓްސް‘ ސިޔާސީ ޕާޓީއަށް ނަޝީދު ގުޅިވަޑައިގަންނަވާ ފަދަ މޭރުމަކުން ދާދި ފަހުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނީ، އެމްޑީޕީގެ މެންބަރުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާ އިރު، އެމަނިކުފާނަކީ 20 އަހަރު އެމްޑީޕީއަށް ހިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. އެމްޑީޕީ ތަމްސީލު ކުރައްވައި ލީޑަރެއްގެ ގޮތުން ގިނަބައެއްގެ މަގްބޫލުކަން ހޯއްދެވި ބޭފުޅެކެވެ. އެމްޑީޕީ ސަރުކާރެއްގައި ރައީސް ނަޝީދު ވަނީ މީގެ ކުރިން ރައީސް ކަން ވެސް ކުރައްވާފައެވެ. އަދި ޕާޓީން ވަކިވެވޑައިގެން އިރު ނަޝީދަކީ އެ ޕާޓީގެ ރައީސް ވެސް މެއެވެ.









