މާލެ ސަރަހައްދުން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން އިޢުލާނުކުރައްވައިފިއެވެ.
”ބިންވެރިޔާ ސްކީމް“ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިހާރު ވަނީ، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.
މި ލިސްޓާއި ބެހޭ މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ނޫސްވެރިންނަށް މައުލުމާތު ދެއްވާފައެވެ.
މި ސްކީމް ކުރިޔަށް ގެންދިޔަ ގޮތުގެ މައުލޫމާތު ޙިއްޞާކުރައްވަމުން މިނިސްޓަރ ވިދާޅުވީ އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވާނެ ކަމަށެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19858 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމު ހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ ”ބިންވެރިޔާ“ ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.
މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.









