Search Streamline Icon: https://streamlinehq.com

ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވުމަށް ރައީސް ގޮވާލައްވައިފި

Raees 2022 fenvaruonline

ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގޮވާލައްވައިފިއެވެ.

ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވީ ޢީދުގެ އެންމެ މަތިވެރި މަޤްޞަދަކީ، އެކަކު އަނެކަކަށް މަޢާފްކޮށް ހިތްހެޔޮކުރުން ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ޢީދުގައި އުފާ ފާޅުކުރާއިރު، މައިންބަފައިންނާ ބައްދަލުކޮށް، އިޙްތިރާމާއި އޯގާތެރިކަމާއެކު ޢީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރުމަށް ވަނީ ބާރު އަޅުއްވާފައެވެ. އަދި އަނބިދަރިންނަށް ހަދިޔާ ދީ ލޯތްބާއި ކުލުނާއެކު ޢީދުގެ އުފާ ފާޅުކުރުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

ރައީސްގެ ޚިތާބުގައި ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަޙުމަތްތެރިންނަށް ޒިޔާރަތްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު ޢީދުގެ ތަހުނިޔާ ބަދަލުކޮށް އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާ ވެސް ބައްދަލުކޮށް، މުޖްތަމަޢުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތްކުރުމަށް ވެސް ވަނީ ބާރުއަޅުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފަޤީރުންނާއި މިސްކީނުނަށް އެހީތެރިވުމަށާއި، ފޯރުންތެރިކަމުގެ އަހުލުވެރިން އިސްނަގައި، ނިކަމެތިންނަށް އެހީތެރިވުމަށްވެސް ބަރުއަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވައިލައްވާފައި ވަނީ، ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަޙްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް ވިދާޅުވަމުންނެވެ. އަދި މިއަދުގެ މުނާޞަބަތުގައި ހުރިހާ ރައްޔިތުންވެސް ހިތްތަކުގައި ކުޑަނަމަވެސް ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމެއް ނުބޭއްވުމަށް ޢަޒުމް ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޢީދު ދުވަހުގެ މުނާޞަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް މައްކާއަށް ދަތުރުކޮށް މިވަގުތު މައްކާގެ މާތް ބިމުގައި ތިބި، ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *