Search Streamline Icon: https://streamlinehq.com

ސާފް ޗެމްޕިއަންޝިޕް 2023: އިންޑިއާ ކުވެއިތު މެޗު އެއްވަރު

Saff india vs Kuwait

ސާފް ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާ އާއި ކުވައިތު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް އޭގެ މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި ދެޓީމު މިރޭގެ މެޗަށް ކުރިމަތިލީއިރު ވެސް ސެމީގެ ޖާގަ ވަނީ ކަށަވަރުވެފައިވީނަމަވެސް މި މެޗަކީ ގްރޫޕް އޭގެ އެއްވަނަ ޔަގީންކުރަން ކުޅެން އޮތް މެޗަށްވާތީ، ފޯރިގަދަވާނެ ކަމަށް ކުރިން ވެސް އޮތީ ތަސައްވަރު ކުރެވިފައެވެ.

މީގެ އިތުރުން މި މެޗަކީ މުބާރާތުގެ ފެވަރިޓުންގެ މެދުގައި ކުޅެވުނު މެޗެއްގެ ގޮތުގައި ވެސް ގިނަބަޔަކު ވަނީ ބުނެފައެވެ.

ނަމަވެސް، ފުރަތަމަ ދެ މެޗަށްވުރެ މިރޭގެ މެޗަށް ވަން ސަޕޯޓަރުންގެ އަދަދު މަދުވެފައިވަނީ، ދެ ޓީމު ވެސް ސެމީ އަށް ގޮސްފައިވާތީ ކަމަށް ބެލެވެއެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދިހަމަހަމަ ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ހާފު އިންޑިއާ އިން ނިންމާލީ، އަނިރުދް ތާޕާ ނަގައިދިން ކޯނަރަކުން ކެޕްޓަން ސުނިލް ޗެތުރީ ޖަހައިދިން ގޯލުން ލީޑުގައި އޮވެއެވެ.

ދެވަނަ ހާފުގައި ވެސް ދާދިހަމަހަމަ، އެކަމަކު ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިރޭގެ މެޗު ކޮންމެވެސް ވަރަކަށް ވަނީ ހޫނު ވެގެން ގޮސްފައެވެ. އެގޮތުން ޝަކުވާތަކާއެކު އިންޑިއާގެ ކޯޗު އިގޯ ސްޓިމަކަށް ރީނދޫ ކާޑުވެސް ރެފްރީ ދެއްކިއެވެ.

އެއީ މިފަހަރުގެ މުބާރާތުގައި އޭނާއަށް ދެއްކި ދެވަނަ ކާޑެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ދެއްކީ ރަތް ކާޑެކެވެ. އެކަމާ ގުޅިގެން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ހުރީ ސަސްޕެންޝަންގައެވެ. އަދި ފުރަތަމަ ރީނދޫ ކާޑު ދެއްކިތާ 10 ވަރަކަށް މިނެޓް ފަހުން އަނެއްކާ ވެސް އިތުރު ހަމަނުޖެހުމަކާއެކު އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދައްކައި މިރޭ ވެސް ރަތް ކާޑު ދައްކާފައެވެ.

އޭގެ ފަހުންވެސް މެޗު ވަރަށް ބޮޑަށް ހޫނުވެ، ދެ ޓީމުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއިއރު، އެ ހަމަނުޖެހުމާ ގުޅިގެން ކުވައިތުގެ ހަމަދް އަލް ގަލަފް އަދި އިންޑިއާގެ ރަހިމް އަލީއަށް ވެސް ރަތް ކާޑެއް ދައްކައިފައިވެއެވެ.

ކުވައިތުން މެޗުގެ ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގެ ތެރޭގައި އިންޑިއާގެ އަންވަރު އަލީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

މި މުބާރާތުގެ ގްރޫޕް ބީގެ ފަހު މެޗުތައް މާދަމާ އޮންނާނެއެވެ. އެންމެ ފުރަތަމަ އޮންނާނީ ރާއްޖެއާއި ލުބުނާން މެޗެވެ. އޭގެ ފަހުން މާދަމާ ރޭ ވާދަކުރާނީ ބޫޓާނާއި ބަންގްލަދޭޝްއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި