ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން ހިއްކާފައިވާ ބިންތަކުން 12 މިލިޔަން ރުފިޔާއަށް އަގުކުރެވޭވަރުގެ ބިންތައް އެއްވެސް އަގަކާއި ނުލައި ހިލޭ ސާބަހަށް ދިނުމަކީ އިންސާފެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ވެފައިވާ ވައުދު ފުއްދުމަށް މިދިޔަ ހަފްތާގައި ގޯތި ދިނުމަށް ނިންމައި ލިސްޓު ޢާންމު ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.
އޭނާގެ ޓްވީޓުގައި ވިދާޅުވީ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން ހިއްކާފައިވާ ބިންތަކުން 12 މިލިޔަން ރުފިޔާއަށް އަގުކުރެވޭވަރުގެ ބިންތައް އެއްވެސް އަގަކާއި ނުލައި ހިލޭ ސާބަހަށް ދިނުމަކީ އިންސާފެއް ނޫންކަމަށެވެ. އަދި އެއީ ރޯމާ ދުވާލު ދައުލަތް ލޫޓުވުން ކަމަށާއި އެއީ ބޮޑު ސްކޭމެއް ކަމަށެވެ.
ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އިޢުލާންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަސައްކަތްކުރިއަށްގެންދެވި ކޮމިޓީން ވިދާޅުވެފައިވަނީ ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށެވެ. އަދި އެއީ 23088 މީހުން ކަމަށެވެ.
އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާއިރު، ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް ވެސް އެ ކޮމިޓީން ވަނީ ވިދާޅުވެފައެވެ.
އެ ކޮމެޓީން ވިދާޅުވީ އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭ ކަމަށެވެ.
މީގެ އިތުރުން ޝަރުތު ހަމަވާ 19857 މީހުންގެ ތެރެއިން މިފަހަރު ގޯތި ނުލިބުނަސް، 9544 މީހަކު ގޯއްޗަށް ޝަރުތު ހަމަވާ ކަމަށާއި އެ ފަރާތްތަކުން އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށް ވެސް އެކޮމިޓީން ވަނީ ވިދާޅުވެފައެވެ.
މިފަހަރު ދޫކުރައްވާ 5000 ގޯއްޗަކީ ހުޅުމާލެއާއި ގުޅީފަޅުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ގޯއްޗެވެ. އޭގެތެރެއިން 1500 އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން އަދި ބާކީހުރި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެންނެވެ.









