ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ބީގައި މިރޭ ކުޅުނު މެޗު ކާމިޔާބުކޮށް ސެމީ ފައިނަލުގެ ފަހު ޖާގަ، ބަންގްލަދޭޝްއިން ހޯދައިފިއެވެ.
އިންޑިއާ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަންގްލަދޭޝް އިން ކާމިޔާބު ކުރީ ބޫޓާން އާ ވާދަކޮށް 3 ލަނޑު 1 ލަނޑުންނެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޫޓާނުންނެވެ. 12 ވަނަ މިނެޓުގައި ބޫޓާން ލީޑު ނެގީ ސެންޑާ ޑޯޖީ، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.
ބޫޓާނުން ލަނޑެއް ޖަހާ ލީޑު ނެގިނަމަވެސް، ބަންގްލަދޭޝް ޓީމުން ކުޅުން ވަރުގަދަކޮށް، ފުރަތަމަ ހާފުގައި ވަނީ ތިން ލަނޑު ޖަހާފައެވެ.
އެގޮތުން ބަންގްލަދޭޝްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ގޯލު ޖެހީ 21 ވަނަ މިނެޓުގައެވެ. މިއީ ޝެއިޚް މޯސަލީން ޖެހި ގޯލެކެވެ. އަދި ބޫޓާން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ބަންގްލަދޭޝް އަށް ލީޑު ނަގައިދިނީ މޯސަލިން އެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ފަހަތުން އަރައި ލީޑު ނެގީ ބޫޓާންގެ ފުންޓްސޯ ޖިގްމޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖުލައި އެއްވަނަ ދުވަހުއެވެ. ފުރަތަމަ ސެމީގައި އެ ދުވަހު ހަވީރު ކުވައިތާއި ބަންގްލަދޭޝް ބައްދަލުކުރާއިރު، އެރޭ އޮންނަ ދެވަނަ ސެމީގައި ބައްދަލު ކުރާނީ ލުބުނާން އާއި އިންޑިއާއެވެ.
މިއީ 2009 ވަނަ އަހަރަށްފަހު ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ. އެފަހަރު ބަންގްލަދޭޝްއިން ބަލިވީ އިންޑިއާއާ ވާދަކޮށެވެ.













