އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން އިންޑިއާ އާއި ކުވޭތު ދަތުރުކޮށްފިއެވެ.
މި ދެޓީމުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.
ސެމީގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާ ވާދަކޮށް ކުވޭތުން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ.
ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދިއެއްވަރުގެ ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުން ވެސް ދިޔައީ ހަމަލާތައް އުފައްދަމުންނެވެ.
އެހެންނަމަވެސް ފުރަތަމަ 90 މިނެޓު ނިމުނުއިރު ވެސް އެއްވެސްޓީމަކަށް ކުރިހޯދިފައިނުވާތީ ނަތީޖާ ނެރުމަށް 15 މިނެޓުގެ އިތުރު ދެ ހާފު ކުޅުނެވެ.
އެގޮތުން ކުވައިތުން ލަނޑުޖަހާ މެޗުގެ ލީޑު ނެގީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނިޓް ތެރޭގައެވެ. ކައުންޓަރ އެޓޭކުގައި އަރައި، ބަންގްލަދޭޝްގެ އޭރިއާތެރެއިން ކުވެއިތުގެ އަބްދުﷲ އަލްބަލޫޝީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ކުޅުން ނިމެން ދަނިކޮށް ނަތީޖާ އެއްވަރުކޮށްލަން ބަންގްލަދޭޝް އަށް ރަނގަޅު ފުރުސަތެއް ލިބުނުނަމަވެސް ބަންގްލަދޭޝްގެ ރަކީބް ޖެހި ބޯޅަ ކުވެއިތުގެ ކީޕަރު އަބްދުއްރަހުމާން މަރުޒޫގު ވަނީ ފައިން އެ ބޯޅަ މަތަކޮށްފައެވެ.
ފައިނަލުގެ ފަހު ޖާގަ އެންމެފަހުގެ ޗެމްޕިއަން އިންޑިއާ އިން ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ލެބްނާން އާ ވާދަކޮށްގެންނެވެ.
ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނުނު މި މެޗު އިންޑިއާއިން ކާމިޔާބުކުރީ ފުރިހަމަ ވަގުތުގެ 90 މިނެޓާއި އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓުގެ ދެ ހާފުގައި ވެސް އެއްވެސް ޓީމެއް މޮޅުވެފައިނުވާތީ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި 2-4 ން ކުރި ހޯދައިގެންނެވެ.
ގިނަ ހަމަލާތަކެއް ދެޓީމުގެ ފަރާތުން ވެސް ފެނުނު މި މެޗުގައި ޕެނަލްޓީ ޝޫޓް އައުޓްގައި އިންޑިއާއިން ޖެހި ހަތަރު ޕެނަލްޓީ ވެސް އެ ޓީމުން ކާމިޔާބުކުރިއިރު، ލެބަނާން އަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީއެވެ.
އިންޑިއާގެ ޗެތުރީ، އަންވަރު، މަހޭޝް އަދި އުދަންތަ ޖެހި ޕެނަލްޓީތައް ކާމިޔާބުކުރިއިރު، ލެބަނާންގެ ޕެނަލްޓީތައް ކާމިޔާބުކުރީ ވަލީދު ޝޫރު އާއި ސަދެކް އެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 4 ވާ އަންގާރަ ދުވަހުގެ ރޭ ހަތެއް ޖަހާއިރުގައެވެ.













