ރައްޔިތުންނާއި ވިޔަފާރިތައް އޮތީ މާކުރިއަށް އަރައިގެން ގޮސްފައި ކަމަށާއި ނަމަވެސް ސަރުކާރު އޮތީ މާ ދަށުގައި ކަމަށް އިކޮނޮމިކް މިނިސްޓަރ އަލް އުސްތާޛު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ތައްޔާރުކުރި ”ވަންގަވް“ ޑިޖިޓަލް ޕްލެޓްފޯމެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސަލްޓަން ޕާކުގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ އެހެންވުމުގެ ސަބަބުން ފަސޭހައިން ޚިދުމަތް ދިނުމުގެ ވިސްނުން ސިވިލް ސަރވިސް ތެރެޔަކު، ސަރުކާރުގެ ތެރެޔަކު އޮތް ތަނެއް ނުފެނުނު ކަމަށެވެ.
”އެއަށްވުރެ އަޅުގަނޑުމެންނަށް ފެނުނީ ސަރުކާރަކީ ސަރުކާރު، ދެން އަޅުގަނޑުމެން ކައިރިއަށް އައިސްގެން ހަލާކުވާންވިއްޔާ ވާންވީ. ދިމާވާ ގޮންޖެހުންތަކަކީ ދިވެހި ރައްޔިތުންނާ ވިޔަފާރިތައް އޮތީ މާކުރިއަށް އަރައިގެން ގޮސްފައި. ވިސްނުމުގައިވެސް ކަންކަން ބޭނުންވުމުގައިވެސް. ސަރުކާރު އޮތީ މާ ދަށުގަ.“ ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މުވައްޒަފުން އިތުރުކުރުމަށް ވިސްނި ކަމަށާއި ނަމަވެސް ސަރުކާރު މުވައްޒަފުންގެ ޓާންއޯވަރ މާބޮޑުކަން ވަނީ ފާހަގަ ކުރައްވާފައެފެ.
ހަމަމިއާއެކު އަލުން މުވައްޒަފުން ނެގުމަށް ހުރި ޕްރޮސެސް ދިގުވުމަކީ އެކަން ވެސް ވާ ގޮތް ނުވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެހެންކަމުން މިކަމުގައި އޮތް އެންމެރަނގަޅު ހައްލަކީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުން ކަމަށާއި އެކަމުގެ ސަބަބުން ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ވެސް ބަންދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.









