Search Streamline Icon: https://streamlinehq.com

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ”ދަ ޑިމޮކްރެޓްސް“ ހިމެނުމުން ޕީޕީއެމް އަށް ގެއްލުން!

The Democrats

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ”ދަ ޑިމޮކްރެޓްސް“ ހިމަނައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ދަ ޑިމޮކްރެޓްސް“ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ، ”ދަ ޑިމޮކްރެޓްސް“ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް، މިއަދު ބޭއްވި އިލެކްޝަންސް ކޮމިޝަންގެ 793 ވަނަ ޢާންމު ޖަލްސާގައި، މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީ ހިމެނުމުން ރައްޔިތުންގެ މަޖިލިހުގައި މިހާތަނަށް މައިނޯރިޓީ ޕާޓިގެ ގޮތުގައި ހަރަކާތްތެރިވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ވަނީ މައިނޯރިޓީކަން ގެއްލިފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ”ދަ ޑިމޮކްރެޓްސް“ ޕާޓީ މިއަދު އުފެއްދުމާއެކު، އެޕާޓީއާއި ގުޅިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދެން ހިމެނިގެންދާނީ މަޖިލިހުގައި އެޕާޓީ ތަމްސީލުކުރައްވާ މެމްބަރުން ކަމުގައެވެ.

އެހެންވެ، ރައްޔިތުންގެ މަޖިލިހުގައި ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ވާނީ ވެސް އެ ޕާޓީއެވެ.

އެގޮތުން އެ ޕާޓީގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) މިހާރު ވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވެސް ހިމެނިވަދައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގައި ”ދަ ޑިމޮކްރެޓްސް“ ތަމްސީލު ކުރައްވާ އިތުރު މެމްބަރުންގެ ތެރޭގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) އާދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ”ދަ ޑިމޮކްރެޓްސް“ އަށް މާދަމާ ރޭ ގުޅިވަޑައިގަތުމަށް ވަނީ ނިންމާފައެވެ. އަދި އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވެސް މާދަމާ ރޭ ގެ ޖަލްސާ ގައި ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެހެންކަމުން މަޖިލީހުގައި ތިއްބައްވާ ”ދަ ޑިމޮކްރެޓްސް“ ގެ މެންބަރުންގެ އަދަދު 15 އަށް އަރާނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *