ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ”ދަ ޑިމޮކްރެޓްސް“ އަށް ސޮއި ކުރެއްވުމަށް ބާއްވާ ހާއްސަ ޖަލްސާ މިރޭ އޮންނާނެއެވެ.
މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ އާޓްފިޝަލް ބީޗުގައި މިރޭ 20:30 ގައެވެ. މިޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އެހެން ފަރާތްތަކަށް ވެސް އެޕާޓީއަށް ސޮއި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް އެ ޕާޓީން ބުނެއެވެ.
ރައީސް ނަޝީދު މިރޭ ސޮއި ކުރައްވާއިރު، ”ދަ ޑިމޮކްރެޓްސް“ އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީއާއި ގުޅޭނެކަމަށް އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ.
އެރޭ ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީން ވެރިކަމަށް އައިތާ ދެވަނަ ފަހަރު ކަމަށާއި ގިނަ ވަޒީރު ބޭފުޅުންނަކީ ވެސް ތަކުރާރުކޮށް ވަޒީރުކަން ކުރައްވާ ބޭފުޅުން ކަމަށްވާއިރު، ނުހަނު ރަނގަޅަށް ކުރެވޭން އޮތް ކަމެއް ޚަރާބުގެ މަގަށް ގެންގޮސް އެންމެ ފަހުން މުޅި އެމްޑީޕީ ވެސް ދެބައި ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވެފައިވަނީ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ބޮޑު ބައިކަމަށެވެ.









