ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރީ ރެޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުން މި ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، އަންނަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހާއި ހަމައަށް މި ފުރުސަތު އޮންނާނެ ކަމަށް އީސީ އިން ވިދާޅުވެއެވެ.
”މިއަދުން ފެށިގެން އޮގަސްޓް 5 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެދުވަހަކު ހެނދުނު 08:30 އިން ފެށިގެން ހަވީރު 4 ޖަހަންދެން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީވެވޭނެ.“ އީސީ ގެ އިއުލާނުގައި ވެއެވެ.
އެ ކޮމިޝަނުން ވިދާޅުވީ 2020 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށްރަށުން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް، އަލުން ރީ-ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށެވެ.
އެހެންނަމަވެސް، މާލޭގައި އުޅޭ މީހުން އެހެން ރަށެއްގައި ވޯޓުލުމަށް ބޭނުންވާނަމަ ރީރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް ވިދާޅުވެއެވެ.
އީސީ އިން ވިދާޅުވީ މި މަހުގެ 31 ވަނަ ދުވަހަށްފަހު، ރީރަޖިސްޓްރީ ވެވޭނީ ފޯމު ހުށަހަޅައިގެން ކަމަށާއި މާލޭގައި، އިންތިޚާބައި ބެހޭ މައި މަރުކަޒު ދަރުބާރުގެއަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި ރަށްރަށުގައި ނަމަ އެ ރަށެއްގައި ހުރި އިލެކްޝަންސް ކޮމިޝަންގެ ފޯކަލް ޕޮއިންޓަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
ފޯމު ހުށަހަޅައިގެން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އޮގަސްޓް 5 އަކާއި ހަމައަށެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް، މީހަކަށް ފަހަރަކު ހުށަހެޅޭނީ 10 ފޯމު ކަމަށާއި ސިޔާސީ ޕާޓީއަކުން ނުވަތަ ރަސްމީ މުއައްސަސާއެއް ހިއްސާވާގޮތަށް، ފޯމު ހުށަހަޅާނަމަ، އެ ތަނެއްގެ ތައްގަނޑާއި ރަސްމީ ސިޓީ އަކާއެކު، ފަހަރަކު 100 ފޯމު ހުށަހެޅޭނެކަމަށް ވެސް، އީސީ އިން ވިދާޅުވެއެވެ.
ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށް ވެސް، ރީ-ރަޖިސްޓްރީވުމަށް މިއަދު ވަނީ ހުޅުވާލާފައެވެ. އެގޮތުން 8 ޤައުމެއްގެ 9 ސިޓީއެއްގައި ވޯޓުލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، މިއަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓެވުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.









