ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ކެންޑިޑެންސީ ފޯމު ފުރުމަށްފަހު، ކަރެކްޝަނަލް ސަރުވިސް އިން ޕީޕީއެމްގެ ސެކްރެޓޭރިއަޓާއި ހަވާލުކޮށްފިއެވެ.
ޕީޕީއެމް އިން އެކަން ދާދި ދެންމެ ހާމަކުރިއިރު، ރިޔާސީ އިންތިހާބު ބޭއްވުމަށް މިހާރުވަނީ ގާތްގަޑަކަށް 47 ދުވަހަށް ގާތްވެފައެވެ.
ޕީޕީއެމްގެ ޓިކެޓު ރައީސް ޔާމީނާއި ހަވާލުކޮށްފައިވާއިރު، އެމަނިކުފާނު މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވުމުންނެވެ.
މިއަހަރުގެ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަނުން މިހާރުވަނީ ހުޅުވާލާފައެވެ. އަދި އެ ފުރުސަތު އަންނަ އޮގަސްޓް މަހު ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.









