ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބުގެ ސާޖަރީއެއް ސިންގަޕޫރްގައި ހަދަމުންދާ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.
އެ ޕާޓީ އިން ބުނީ ހެލްތު ޗެކަޕަށް ފަހު ސިންގަޕޫރުގައި އަދީބުގެ ސާޖަރީއެއް މިހާރު ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސާޖަރީއެއް ކަމެއް ބުނެފައެއް ނުވެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތައި ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު، ގޭ ބަންދަށް ބަދަލުކުރީ ވެސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެގެންނެވެ.
ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކަރެކްޝަނުން ދިނުމުން އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ކަރެކްޝަނުން ބޭސްފަރުވާއަށް އަދީބުއަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.
ނަމަވެސް އެ މުއްދަތު ހަމަވުމުން، މުއްދަތު އިތުރުކޮށްދިނުމަށް އެދި އަދީބުގެ ފަރާތުން ކަރެކްޝަނަލް ސާވިސްގައި އެދުމުން، އެ ހުއްދަ އޮގަސްޓް 28 ވަނަ ދުވަހާއި ހަމައަށް ވަނީ އިތުރުކޮށްދީފައެވެ.









