ޖޯޑަން ހެންޑަސަން، ސައުދީގެ ކުލަބެއް ކަމަށްވާ އަލް އިއްތިފާގަށް ސޮއިކޮށްފިއެވެ.
އަލް އިއްތިފާގަކީ ލިވަޕޫލް ކުރީގެ ކެޕްޓަން އަދި ހެންޑަސަންއާ ކެޕްޓަން ބޭންޑް ހަވާލުކުރި ސްޓީވަން ޖެރާޑް ކޯޗްކޮށްދޭ ކުލަބެވެ.
ލިވަޕޫލާއެކު ކުލަބު ލެވެލްގައި ހެންޑަސަން ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި އޭނާގެ ކެޕްޓަންކަމުގައި ޗެމްޕިއަންސްލީގު، ޕްރިމިއަރ ލީގު، އެފްއޭ ކަޕް އަދި ލީގު ކަޕް ވަނީ ހޯދާފައެވެ. އަދި ކޮމިއުނިޓީ ޝީލްޑާއި ޔޫއެފާ ސުޕަރ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ވަނީ ކާމިޔާބުކޮށްފައެވެ.
ކުލަބު ކެރިއަރުގައި ޖޯޑަން ހެންޑެސަނާއި ސްޓީވަން ޖެރާޑް ވަނީ 2011 އިން ފެށިގެން 2015 އާ ހަމައަށް ކުޅެފައެވެ.
ލިވަޕޫލުން ހެންޑަސަން ވިއްކާލީ 12 މިލިޔަން ޕައުންޑަށެވެ. ސަންޑަލަންޑްގެ އެކަޑަމީން ކެރިއަރު ފެށި ހެންޑަސަން ވަނީ 2011 ވަނަ އަހަރު ސަންޑަލަންޑް ދޫކޮށް ލިވަޕޫލަށް ސޮއިކުރުމަށް ފަހު މިވީ 12 އަހަރުގެތެރޭގައި ލިވަޕޫލަށް 492 މެޗް ކުޅެދީ 33 ގޯލް ޖަހާފައެވެ.













