ރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ”މިނިވަން އުފާ ކާނިވާ“ މިރޭ ހުޅުވުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި އާބަންކޯ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ކާނިވާ ފެށުމަށް ނިންމާފައިވަނީ ރޭގައެވެ. އެހެންނަމަވެސް އެކަން ރޭ ކެންސަލް ކުރީ މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާ ރޯގާގެ ސަބަބުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދާ ވެސް އެކުގައެވެ.
އެކަމަކު ހޯމް މިނިސްޓްރީން މިއަދު ވިދާޅުވީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހުޅުވަން ނިންމި ކާނިވާ މިރޭ 8:00 ގައި ހުޅުވާނެ ކަމަށެވެ.
އާބަންކޯ އިން ވިދާޅުވީ ކާނިވާގެ ތައްޔާރީތަކަށް މިއަދު ހަވީރު 4:00 އިން ފެށިގެން ސެންޓްރަލް ޕާކް ސަރަހައްދު ބަންދު ވާނެ ކަމަށެވެ.
މިއީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރި ވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެން ފަރުމާ ކޮށްފައިވާ ކާނިވަލެކެވެ.









