Search Streamline Icon: https://streamlinehq.com

ގދ.އަތޮޅުގެ ތިން ރަށެއް އައު އިންޖީނުގެއާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވައިފި

Raees Solih Huvadhoo atoll

ގދ.އަތޮޅުގެ ތިންރަށެއްގައި ފެނަކައިން އިމާރާތްކުރި އައު އިންޖީނުގެއާއި އޮފީށް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުވައި ދެއްވައިފި އެވެ.

ހުވަދު އަތޮޅު ދެކުނުބުރީ، ނަޑެއްލާ، ރަތަފަންދޫ އަދި ފިޔޯރީގައި ފެނަކައިން އިމާރާތްކުރި އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ، ހުވަދުއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ނަޑެއްލާ ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ. ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގޭގެ އޮފީސް ޢިމާރާތުގައި، ދަތިކަމެއް ނެތި 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 590ކިލޯވޮޓްއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ރަތަފަންދޫ ފެނަކަ އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެ ކުރިން، ރަތަފަންދޫގައި އިންޖީނުގެއާ އޮފީސް ޢިމާރާތުގެ ގޮތުގައި ބޭނުން ކުރަމުން އައީ 37 އަހަރުވެފައިވާ ދުވަސްވީ ޢިމާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ގދ. ފިޔޯރީ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވީ މިއަދު ހަވީރުއެވެ. ފިޔޯރީ ފެނަކަ އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެ ކުރިން ހުރި އިންޖީނުގޭގެ އޮފީހަކީ، 4 މީހުންގެ ޖާގައިގެ އޮފީހެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *