ހުކުމް ތަންފީޒު ކުރަން ގެއަށް ބަދަލުކޮށް ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައެވެ.
މި އަޑުއެހުމުގައި ޔާމީން ވިދާޅުވީ ސިޔާސީ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށާއި ބޭނުންފުޅުވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއިމެދު ވާހަކަ ދައްކަވަން ކަމަށެވެ.
އެގޮތުން އެމަނިކުފާނުގެ ޖިސްމާނީ ނުކުޅެދުންތެރިކަން އެބަހުރި ކަމަށާއި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ކަސްރަތުކުރެއްވުމުގެ ޖާގަ އެއް ޖަލުގައި ނުލިބޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ހޮސްޕިޓަލުގައި އޮންނަންޏާ އާއިލާ އިން އެކަމާ މެދު ހިތާމަކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު ގެއަށް ބަދަލުކުރުމަކުން ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.
”އަޅުގަނޑު ހަމަ ވަރަށް އާދޭހާ އެކު ދަންނަވަން، އަޅުގަނޑު ގޭބަންދަށް ބަދަލުކޮށްދިނުމަށް،“ ފަނޑިޔާރުންގެ އަރިހުން ޔާމީން އެދިވަޑައިގެންނެވިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި ކެންޑިޑޭޓަކީ ވެސް އެމަނިކުފާނެވެ.
އެހެންނަމަވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އާއި، އާރަށް ކުއްޔަށް ދިން މައްސަލައިގައި ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާކޮށް، އެ ޖޫރިމަނާ ދައްކަވާފައިނުވާތީ އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ޔާމީނަށް ގެއްލިފައެވެ.
އެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބާތިލުކުރުމުން އެ ކޯލިޝަނުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެ ކޯޓުން ނިންމީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ދެމެހެއްޓުމަށެވެ.
އެހެންކަމުން ޔާމީންގެ ބަދަލުގައި ވާދަކުރައްވަނީ ޕީޕީއެމާ ގުޅިފައިވާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، އޭނާ ވެރިކަން ކުރައްވާނީ ޔާމީންގެ މަޝްވަރާގެ މަތިންނެވެ. އެއާއެކު މުއިއްޒު ވަނީ ޔާމީން ޖަލުން މިނިވަންކުރެއްވުމަށް ވެސް ވައުދުވެވަޑައިގެންފައެވެ.
ހަމަ އެއާއެކު ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަރިހު މިދިޔަ ހަފްތާގައި ދަންނަވާފައި ވާނެ ކަމަށް ވެސް ދާދިފަހުން ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މުއިއްޒު ވިދާޅުވިއެވެ.









