ރަށު ފެންވަރުގެ ޕްރޮޖެކްޓްތަކާއި ކުޅީވަރުތަށް ހިންގުމަށް، ބ. އަތޮޅުގެ ހުރިހާ ރަށަކަށް އެއަތޮޅު އަތޮޅު ކައުންސިލުން 1.4 މިލިއަން ރުފިޔާގެ މާލީ އެހީއެއް ދީފި އެވެ.
ބ. އަތޮޅު ކައުންސިލުން ހާމަކުރެއްވިގޮތުގައި އެއަތޮޅުގެ ހުރިހައި ރަށެއްގައި ހިންގުމަށް ރާވާފައިވާ ޕްރޮގުރާމްތައް ހިންގުމަށް ފައިސާ ޚަރަދުކުމަށް ނިންމާފައިވަނީ ބ. އަތޮޅު، އަތޮޅުފިހާރައިގެ ކުލީގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 1,439,333.33 ރުފިޔާއިންނެވެ. މިފައިސާއަކީ ބ. އަތޮޅުގެ ހުރިހައި ރަށެއްގައި މިއަހަރު ހިންގުމަށް ރާވާފައިވާ ޕްރްޖެކްޓް ނުވަތަ ޕްރޮގްރާމްތަކަށް ކައުންސިލް ތަކުން ތައްޔާރުކޮށް އަތޮޅުކައުންސިލަށް ހުށަހެޅި ކަންކަން ހިންގުމަށް ދެއްވި ފައިސާ ކަމަށްވެސް ބ.އަތޮޅު އަތޮޅުކައުންސިލުން ހާމަކުރައްވަ އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ، ރަށު ކައުންސިލްތަކުން ހިންގާ ތަރައްޤީގެ މަޝްރޫއުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބ. އަތޮޅުގެ 13 ރަށަކަށް ހަމަހަމަ އުސޫލަކުން މި ފައިސާ ލިބިގެންދާނެ ކަމުގަ އެވެ.
ބ.އަތޮޅުކައުްނސިލުން ހާމަކުރައްވާ ގޮތުގައި މިހާތަނަށް އަތޮޅުގެ ހުރިހާ ރަށަކުންވެސް ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ. އަދި އެ އަތޮޅުގެ ކޮންމެ ރަށަކަށް އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިގެންދާނެ ކަމަށްވެސް އަތޮޅު ކައުންސިލުން ބުންޏެވެ.
އަތޮޅު ފިހާރަތައް، އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށްދީ، އެތަންތަނުން ލިބޭ ކުލީގެ ފައިސާ އެއްކޮށް ކައުންސިލްތަކަށް ޖަމާކޮށްދޭ ގޮތަށް ސަރުކާރުން ނިންމެވީ މިދިޔަ އަހަރު މެދުތެރޭގަ އެވެ.
މާލޭ ނޯތު ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ލިބެމުން ނުދާތީ ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ބައެއް މުއައްސަސާތުގެ އިސްވެރިންނާއިވެސް ބައްދަލުކޮށްފަ އެވެ. އަތޮޅު ފިހާރަތައް، އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށްދީ، އެތަންތަނުން ލިބޭ އާމްދަނީ ސީދާ އަތޮޅުތަކަށް ލިބޭ ގޮތް ހަދައިދިނުމަށް މީގެ ކުރިން ވެސް ބައެއް އަތޮޅުތަކުން އެދިފައިވެ އެވެ.
ސޯސް:އީޓީ









