އެމްޕީއެލްގައި ޗީފް މެނޭޖަރަކަށް ވަޒީފާ އަދަކުރަމުންދިޔަ މީހަކު ވަޒީފާއިން ވަކިކުރުމުން އޭގެ ބަދަލު ހޯދަން އެދުމުން، ގެއްލުނު ވަޒީފާގެ ބަދަލުގައި 1 ރުފިޔާ ދިނުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 8.7 މިލިޔަން ރުފިޔާގެ ތެލުގެ ހިޔާނާތާ ގުޅިގެން ވަޒީފާއިން ވަކިކުރީ ޗީފް މެނޭޖަރަށް އުުޅުނު އައްޑޫ ފޭދޫ ވާރުގޭ މުހައްމަދު އައިމަންއެވެ.
2020 ވަނަ އަހަރު ހިންގި ޚިޔާނާތުގެ މައްސަލައެއްގައި 23 މާރޗް 2021 ވަނަ ދުވަހު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
މިމައްސަލައިގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވައިދާ ޚިލާފަށް ކަމަށްބުނެ އައިމަން ވަނީ ވަޒީފާއި ބޭހޭ ޓްރިބިއުނަލްއަށް މިމައްސަލަ ހުށަހަޅާފައެވެ.އަދި އޭނައަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދޭންވެސް ވަނީ އެދިފައެވެ.
ޓްރައިބިއުނަލުން މައްސަލަ ނިންމީ އައިމަންއާ އެއްކޮޅަށެވެ. ނިންމާފައެވެ. އަދި އޭނާގެ ވަޒީފާ އިއާދަކުރުމަށާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިމުމާ ހަމައަށް، އޭނާއަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށްވެސް ޓްރައިބިއުނަލުން ކަނޑައެޅިއެވެ.
ނަމަވެސް އެމްޕީއެލް އިން އެކަން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުން ނިންމީ އެމްޕީއެލްގެ ތެލުގެ ޚިޔާނާތުގައި އައިމަން ބައިވެރިވުމާއި އިހުމާލު އޮތް ކަމަށާއި މެނޭޖަރެއްގެ މަޤާމުގައި ހުރެގެން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި އޭނާ ފަރުވާކުޑަކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ޓްރައިބިއުނަލް އިން ނިންމި ގޮތަށް ވަޒީފާ އަލުން އިއާދަކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމައިފައެވެ. އަދި އައިމަން ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ޓްރައިބިއުނަލުން އޭނާއާ އެއްކޮޅަށް މައްސަލަ ނިންމުމާހަ މައަށް މަހު މުސާރައިގެ ގޮތުގައި ކޮންމެ މަހަކު އޭނާއަށް ދޭން ޖެހޭ މުސާރައެއް އަދި އިނާޔަތެއް ނެތްކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.
އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައި ނެތްކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވާތީ ނޮމިނަލް ބަދަލެއްގެ ގޮތުން 1ރ. ގެ ބަދަލެއް އައިމަންއަށް ނަގައި ދިނުމަށް ހައި ކޯޓުން ހުކުމްކޮށްފައިވެ އެވެ.









