މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވެ ވަޑައިގަންނަވާ ރިޔާސީ ރޭހުގެ ވޯޓުލުމާ ދާދި ގާތްވެފައިވަނިކޮށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އަދި އެޕާޓީގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން ފާޠިމަތު ރާނިޔާ ޢަބްދުލް ޙަމީދު އެކަމަނާގެ ފިރިކަލުންގެ ކެމްޕެއިން ޙަރަކާތްތަކުގައި ރަސްމީކޮށް ބައިވެރިވެ ޢަމަލީ މައިދާނަށް ނުކުންނަވައިފި އެވެ.
މިމަހުގެ ނުވައެއްވާ ހޮނިހިރު ދުވަހު ވޯޓު ލާން ހަމަޖެހިފައިވާ މި އިންތިޚާބުގައި ޤާސިމް އިބްރާޙީމް އަށް ކެމްޕެއިން ކުރެއްވުމަށް ޤާސިމްގެ ހަގު އަނބިކަނބަލުން ރާނިޔާ މިވަގުތު ގެންދަވަނީ އދ. ދިގުރަށުގައި ދޮރުންދޮރަށް ހިންގަވަމުން ނެވެ.
ޖުމްހޫރީޕާޓީން މަޢުލޫމާތު ދެއްވިގޮތުގައި ރާނިޔާގެ މަސައްކަތް އެންމެ ފަހުވަގުތާއި ހަމައަށް ވެސް ކުރިއަށް ގެންދަވާނެއެވެ. އެގޮތުން ދިގުރަށުގެ އިތުރުން އެއަތޮޅުގެ އެހެން ރަށްރަށަށް ވެސް ރާނިޔާ ވަޑައިގެން ކެމްޕެއިނުހެ ހަރަކާތްތަކުގައި ބައިވެރިވުމަށް ވަނީ ނިންމަވާފަ އެވެ.
ޤާސިމްގެ އެންމެ ހަގު އަނބިކަނބަލުން އެމަނިކުފާނުގެ ކެމްޕެއިން ޙަރަކާތްތަކުގައި ބައިވެ، ކެމްޕެއިން ފައްޓަވާފައި މިވަނީ އިއްޔެގެ ވަގުތެއްގައި އދ. ދަނގެތިން ނެވެވެ. ރާނިޔާ ވަޑައިގަތުމުން އެރަށުން ވަނީ ރާނިޔާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމްގެ ކެމްޕެއިނަށް އެމަނިކުފާނުގެ ހަގު އަނބިކަނބަލުން ރާނިޔާ ނުކުންނެވި އިރު، ޤާސިމްގެ އަނބިކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެސް ގެންދަވަނީ ޤާސިމް އިބްރާހީމްގެ ކެމްޕެއިންތަކުގައި ޢަމަލީގޮތުން ބައިވެރިވެ ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.
މީގެ ތިން އަހަރު ކުރިން، 2020 ވަނަ އަހަރު ޤާސިމް އިބްރާޙީމް ކައިވެނި ބައްލަވައިގެންނެވި ރާނިޔާ މިވަގުތުވެސް ގެންދަވަނީ ޤާސިމްގެ ކެމްޕެއިންގައި ދޮރުން ދޮރަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ މިމަހު 9 ވާ ހޮނިހިރު ދުވަހު އެވެ. ފުރަތަމަ ބުރުން އިންތިޚާބު ނުނިމި ދެވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެނަމަ، މި މަހުގެ 30 ވަނަ ދުވަހު ވޯޓްލުން ބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.









