Search Streamline Icon: https://streamlinehq.com

ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ގައުމުގެ އިސްލާހަށް ކުރާ މަސައްކަތް ނުހުއްޓާނަން: ޖޭޕީ

Gasim

ނިމިގެންދިޔަ އިންތިޚާބުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ގައުމުގެ އިސްލާހަށް ކުރާ މަސައްކަތް ނުހުއްޓާނެ ކަމަށް ޖުމްހޫރީ ޕާޓީ އިން ބުނެފިއެވެ.

ޖޭޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ޤައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިގްތިސާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ވެސް ދެމިއޮންނާނޭ ކަމަށެވެ.

މީގެ އިތުރުން މިވަގުތު ޤައުމުގެ މަސްލަހަތަށްޓަކައި އިންތިހާބުގެ ދެވަނަ ބުރާ ދޭތެރޭ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއް ޕާޓީގެ ކައުންސިލުގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިއުލާން ކުރާނޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބުނީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށާއި، ރަނިންގމޭޓް ޑރ. އަމީން އިބްރާހީމަށް ތާއީދު ކުރައްވައި ވޯޓުދެއްވި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށާއި މިކެންޕޭނުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހައި ފަރާތްތަކަށް ޝުކުރުދަންނަވާ ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، މިއީ ގިނަ ސިޔާސީ ޕާޓީތަކެއް ވާދަކުރާ ނިޒާމަށް ރާއްޖޭގައި ވެރިކަން ކުރަން ފެށިފަހުން ނުވަތަ މަލްޓިޕާޓީ ސިސްޓަމަށް ވެރިކަން ކުރަން ފެށިފަހުން އެންމެގިނަ ކެންޑިޑޭޓުން ވާދަކުރެއްވި ފަހަރުވެސް މެއެވެ.

އެގޮތުން މި އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް 6343 ވޯޓު ލިބިވަޑައިގެންނެވިއިރު، ހަސަން ޒަމީލަށް ލިބިވަޑައިގަތީ 327 ވޯޓެވެ. އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް 86161 ވޯޓު ލިބިވަޑައިގެންނެވިއިރު، އެންމެގިނަ ވޯޓު ހޯއްދެވީ ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އަށެވެ. އޭނާއަށް 101635 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން ޖޭޕީގެ ގާސިމް އިބްރާހިމަށް 5460 ވޯޓު ލިބިލެއްވިއިރު، އަމިއްލަގޮތުން ވާދަކުރެއްވި އެމްއާރްއެމްގެ ރައީސް، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނަށް ލިބިލެއްވީ 2979 ވޯޓެވެ. އަދި އެމްޑީޕީގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކާއެކު އުފެދުނު ފިކުރެއްގެ ދިރުމުން އުފަންވި ދަ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިލެއްވީ 15839 ވޯޓެވެ.

ރިޔާސީ އިންތިިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އެމްއެންޕީގެ ކެންޑިޑޭޓް، ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމަށް ލިބިލެއްވީ 1907 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *