ރިޔާސީ އިންތިހާބުގެ ދެވަނަ ބުނރުގައި ވާދަކުރާ ޕީއެންސީ އަދި އެމްޑީޕީ އާއެކު ކޯލިޝަން ހެދުމަށް ދަ ޑިމޮކްރެޓްސް އިން ހުށަހެޅުންތަކަށް އެއްބަސްވުމަށް މުހުލަތެއް ދީފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ އިންޓެރިމް ކައުންސިލް ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
އެކަމަކު ވަކި ގޮތެއް ނުނިންމާ އެޕާޓީން ވަނީ އެމްޑީޕީއާއި ޕީޕީއެމް/ޕީއެންސީއަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމުމަށް ފުރުސަތު ދިނުމަށް ނިންމާ، އެކަން ބަޔާންކޮށް ޑިމޮކްރެޓްސްގެ ކައުންސިލަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ.
ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ހުށައެޅުއްވި ގަރާރުގައި ދެ ޕާޓިއަށް ވަކިވަކިން ބައެއް ކަންކަން ހުށަހެލުމަށް ނިންމާފައިވާއިރު، އެގޮތުން އެމްޑީޕީއަށް، ހުށަހެޅި ކަންކަމުގެތެރޭގައި ރާއްޖޭގައި އޮންނަން ފެނަން ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން 28 ސެޕްޓެމްބަރުގެ ކުރިން ނިޒާމީ ވޯޓު ނެގޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.
ޕީޕީއެމް/ޕީއެންސީއަށް ހުށައެޅި ކަންކަމުގެ ތެރޭގައި ސަރުކާރެއް އެކުވަލާލުމަށްޓަކައި ވެވޭ އެއްބަސްވުމެއްގައި މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ސޮއިކުރުން ހިމެނެއެވެ.
މީގެ އިތުރުން އެ ޕާޓީގެ ހުށަހެޅުން ގަބޫލު ނުކުރާނަމަ، ޑިމޮކްރެޓުން އެއްވެސް ބަޔަކަށް ތާއީދު ނުކުރުމަށް ވެސް އެ ގަރާރުގައި ވަނީ ބަޔާން ކޮށްފައެވެ.
ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލަށް ޝިފާޒް ހުށައެޅުއްވި ގަރާރު ފާސްވީ 50 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.









