ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރައްވާ، ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ، ތެލެސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ހައްދަވައިދެއްވުމަށް ޑރ. މުއިއްޒު ވައުދުދެވަޑައިގެންފިއެވެ.
ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ލަންދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ލަންދޫއަކީ ތެލެސީމިއާ ކުދިން އެންމެ ގިނައިން ތިބި ރަށްކަން ފާހަގަ ކުރައްވާފައެވެ. އަދި ތެލެސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ހައްދަވައި ދެއްވާނެ ކަމުގެ ވައުދު މުއިއްޒު ތަކުރާރު ކުރެއްވިއެވެ.
މީގެ އިތުރުން ހުޅުމާލެއިން ބިމެއް ނަގައިގެން ރަނގަޅު ފެންވަރުގެ ތެލެސީމިއާ ސެންޓަރެއް ހައްދަވައިދެއްވާނެ ކަމަށާއި އެތަނުގައި އެކަށީގެންވާ މުވައްޒަފުންނާއި ވަސީލަތްތައް ގާއިމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ލަންދޫ އަށް ކޮށްދެއްވާނެ ކަންކަމުގެ ތެރޭގައި ލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި އެރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދާ ތާރު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ކަނޑައަޅާ ދިމާލެއްގައި މޫދަށް އެރޭނެ ތަނެއް ހައްދަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ލަންދޫ ސްކޫލު ލެބޯޓްރީގެ ވަސީލަތްތައް އިތުރުކުރުމާއި ލަންދޫގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށްދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.









