އިންސާފާ ހަމަހަމަކަން އޮތް ވެރިކަމެއް ރައްޔިތުން އެދޭނަމަ، ރައްޔިތުންގެ ވޯޓު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ދެއްވުމަށް އޭނާ އެދިވަޑައިގެންފިއެވެ.
އޭނާ މިގޮތަށް އެދިވަޑައިގެންނެވީ ރ. ވާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ހުއްޓަސް ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ޚިދުމަތް ދެމުންގެންދަވާނެ ކަމަށާއި ހަމަހަމަކަން އިސްކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ޕާޓީއެއްގައި ހުރި ކޮންމެ ރައްޔިތަކާ މެދުވެސް އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަޅުގަނޑުމެންގެ މި މުޖްތަމަޢަކީ މިހާރު ވަރަށް ޒުވާން ވަރަށް ހޭލުންތެރި ތަޢުލީމީ އާބާދީ ބޮޑު މުޖްތަމަޢެއް ކަމަށާއި ޤާނޫނުއަސާސީ ގައި ރައްޔިތުންނަށް ލިބިދޭ ހައްޤުތައް ކަށަވަރުކޮށްދޭ ސަރުކާރެއް ރާއްޖޭގައި އުފެދެން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެފަދަ ނިޒާމެއް ޕީއެންސީގެ ސަރުކާރުގައި ފުރިހަމަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ނިޒާމުގެ ތެރޭގައި ކޮންމެ ރައްޔިތަކަށް ވެސް އަސާސީ ޙައްޤުތައް ކަށަވަރުކޮށްދެވޭނެ އިންތިޒާމެއް ގާއިމު ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑު ޤަބޫލެއް ނުކުރަން ވެރިކަމަކީ ބޮޑު ޢިއްޒަތެއް ޝަރަފެއްގެ ގޮތުގައެއް. މިއީ ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތެއް. ޒިންމާއެއް. މަސްއޫލިއްޔަތެއް.“ މުއިއްޒު ވިދާޅުވިއެވެ.
ވާދޫ ރައްޔިތުންނާ މުޚާތަބު ކުރައްވާ މުއިއްޒު ވިދާޅުވީ ޕީއެންސީ ވެރިކަމަށް މިއަންނަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ރައްޔިތުންނަށް މިކަން ކޮށްދޭން ކަމަށެވެ.
މި އަމާނާތް އަދާކޮށް މި ޒިންމާ އުފުލައި، ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ވެރިކަމަށް މިއަންނަނީ އެހެންވެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.









