ވޯޓު ނުދޭ ރައްޔިތުންނާއި މެދުވެސް ތަފާތެއް ނުކުރައްވާނެ ކަމަށް ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އިންނަމާދޫ ގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތާއީދު މަދު ރަށްރަށް ވެސް އަދި އެންމެ ވޯޓެއް ނުދޭ ރަށްރަށް ވެސް ތަފާތެއް ނުކޮށް އެ ރަށްތައް ވެސް ތަރައްޤީ ކުރައްވާނެ ކަމަށެވެ. އަދި ޕީއެންސީ އިން ކުރާނީ އިންސާފުވެރި ޢަދުލުވެރި ވެރިކަމެއް ކަމަށެވެ.
މީގެ އިތުރުން ވޯޓު ނުދޭ ރައްޔިތުންނާއި މެދުވެސް ތަފާތެއް ނުކުރައްވާނެކަމުގެ ޔަގީންކަމާއި ވަޒީފާގެ ބިރެއް ނުދައްކަވާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ. އަދި އެއްވެސް ރައްޔިތަކު ހުންނަ ޕާޓީއަކީ މައްސަލައެއް ނޫން ކަމަށާއި އެމީހަކު ހުންނަ ޕާޓީއެއްގެ ސަބަބުން އެއްވެސް ތަފާތުކުރުމެއް ނޯންނާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.
މުއިއްޒު ވިދާޅުވީ އެރަށުގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށްދީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްދެއްވާނެ ކަމަށާއި އަދުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ވަރަށްބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން ގިނަ ރަށްރަށުގެ ސިއްހީ މަރުކަޒުތައް ވީރާނާވަމުންދާކަން ފާހަގަ ކުރައްވާ ވިދާޅުވީ ވަސީލަތްތަކެއް ފަހިވެފައި ނެތް ކަމަށާއި އެކަށޭނަ މުވައްޒަފުން ވެސް ނެތް ކަމަށެވެ.
އެހެންނަމަވެސް ޕީއެންސީގެ ސަރުކާރެއްގައި އެކަން ރަނގަޅުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާ މުއިއްޒު ވަނީ ތަރައްޤީގެ ކަންކަމުގައި އެއްވެސް ރަށެއް ތަފާތެއް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން އެދޭ ތަރައްގީ، ރަށްތަކަށް ގެނަސްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.









