Search Streamline Icon: https://streamlinehq.com

މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯއްޓަކީ ޞުލްޙަވެރިކަން: ރައީސް

Raees Salih

ކީރިތި ރަސޫލާ (مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ)ގެ ޢީދު މީލާދުގެ މުނާޞަބާ ފާހަގަކުރާއިރު، ޢަޒުމު ކަނޑައަޅަންވީ އިތުރު އެކަލޭގެފާނުގެ މާތް ސީރަތުން ލިބިދޭ ފިލާވަޅުތަކުން، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙް ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

އެ ޚިޠާބުގައި އެމަނިކުފާނު ވަނީ ކީރިތި މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯއްޓަކީ ޞުލްޙަވެރިކަމާއި އަމާންކަންކަމުގައި ފާހަގަކުރައްވާފައެވެ. އަދި ކީރިތި ރަސޫލާ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ، މީސްތަކުން ޞުލްޙަވެރި ކުރެއްވުމާއި މުޖްތަމަޢު އަމާން ކުރެއްވުން ކަމަށެވެ.

މީގެ އިތުރުން އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި ދެމެހެއްޓެވި އަސާސަކީ ވެސް، މީސްތަކުންނަށް ޢަފޫކުރެއްވުމާއި އޯގާތެރިވުމާއި އެހީތެރިވުމުގެ މަތިވެރި ސިފަތައްކަމުގައި ވެސް ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ޚިޠާބުގައި ކީރިތި ރަސޫލާ ޢަމަލީ ގޮތުން ދެއްކެވި އަދަބު އަޚްލާޤުގެ މަތިވެރި ސިފަތަކުގައި ހިފައިގެން އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގެން ވަނީ މައިންބަފައިންނަށް ކަމޭހިތުމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދެމެހެއްޓުމާއި އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ މުހިންމު އަސާސްތައްކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް މި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *