ޒަމާނާއެކު އަންނަ ބަދަލުތަކާއި އަދި ކުރިމަތިވާ އެކި ހާލަތްތަކާއެކު ވެސް ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޝާމިލުވެ، މަސައްކަތްކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ މާލެ އަތޮޅު ގާފަރު ކައުންސިލުގެ 8 ވަނަ ޤުރުއާން މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކީރިތި ޤުރުއާނުންވެސް ދަސްވާ އެންމެ މުހިންމު އެއް ކަމަކީ ރިވެތި އަޚްލާޤުކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ޅަފަތުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމާއި ކީރިތި ޤުރުއާނުގެ މާނަ ދެނެގަތުމުގެ މުހިންމުކަމާއި ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ވަނީ ޢަރަބި ބަސް އުނގެނުމުގެ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން ޒަމާނާއެކު އަންނަ ބަދަލުތަކާއި ކުރިމަތިވާ އެކި ހާލަތްތަކާއެކު ވެސް ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޝާމިލުވެ މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެން، ސްކޫލު ދައުރު ނިންމާ ނުކުންނަ ކޮންމެ ކުއްޖަކީ ކޮންމެވެސް ދާއިރާއަކުން މަސައްކަތެއް ދަސްވެފައިވާ ކުއްޖަކަށް ހެދުމުގެ އަޒުމުގައި ބެލެނިވެރިންނާއި ސްކޫލްތަކުން ވެސް މަސައްކަތްކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ގާފަރު ކައުންސިލުގެ ޤުރުއާން މުބާރާތަކީ ގާފަރު ރައްޔިތުންގެ މެދުގައި، ކީރިތި ޤުރުއާނަށް ދޭ އަހަންމިއްޔަތުކަން އިތުރުކުރުމަށާއި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމުގެ މަޤްޞަދުގައި އެރަށު ކައުންސިލުން އިންތިޒާމުކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މިއަހަރު ބޭއްވި ގާފަރު ކައުންސިލުގެ 8 ވަނަ ޤުރުއާން މުބާރާތް ކުރިޔަށްގެންގޮސްފައި ވަނީ ޖުމްލަ 7 އުމުރުފުރާއަކަށް ބަހާލައިގެން، ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔުމުގެ ގޮފި ހިމެނޭ ގޮތަށެވެ.
މި ރަސްމިއްޔާތުގައި ނައިބު ވަނީ މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.









