މި ޤައުމަށް ހިތްހަމަޖެހުން ގެނައުމާއި ގައުމުގެ ކަންކަން ހަމަމަގުން ގެންދިއުމަށް މިކުރާ މަސައްކަތަކީ ޤައުމީ މަސައްކަތެއް ކަމަށާއި މި މަސައްކަތުގައި ބައިވެރިވުމަށް ނިންމާ ކޮންމެ ނިންމުމަކީ ވަރަށް ހިކުމަތްތެރި ނިންމުމެއް ކަމަށް ޕީއެންސީ، ޕިޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓި ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޑީކޮމްޕްރެޝަން ޗެމްބަރެއް ޤާއިމްކޮށްދެއްވާނެ ކަމަށާއި ރައްޔިތުންނަށްވާ ވަޢުދުތައް ފުއްދައިދީ، ނަތީޖާ ނެރެދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިޞާދު ނަގާ ކޮޅަށް ޖެހުމަށްޓަކައި ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރުވަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ އަދި ކޮންސްޓްރަކްޝަންގެ ދާއިރާ ކުރިއެރުވުމަށް އިގްތިޞާދީ ސިޔާސަތުގައި ޚާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށާއި އަލަށް މަސައްކަތްފަށާ ޒުވާނުންނަށް ކްރިއޭޓަރ އިކޮނޮމީއެއް ގާއިމްކޮށްދީ އިންޓަރނޭޝަނަލް މާކެޓްގައި އާމްދަނީ ހޯދޭނެ ޕްލެޓްފޯމްތައް ހުޅުވާލަދީ ހުރިތަނެއްގައި ހުރެ ނަފާ ލިބޭނެ ގޮތް ހޯދައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެ މުވައްޒަފަކު މަސައްކަތްކުރާ ރިސޯޓަކާއި އެންމެ ކައިރި ރަށަކުން ހައުސިންގ ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށާއި އެއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގޭ ހައުސިންގ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން ކުރެވޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.
”ދެވަނަ ބުރުގައި ދެވޭ ގިނަ ރަށްރަށުންނާއި މާލެއިން ވެސް ފެންނަނީ ގިނަ ބަޔަކު ތާއީދުކޮށް މި މަސައްކަތާއި ގުޅެމުންދާ ތަން. މި ރަށަށް ކުރަން ބޭނުންވާ ކަންކަން ކުރީ ފަހަރު ވާނީ ދަންނަވާފައި. އެހެންވީމާ ތަކުރާރެއް ނުކުރާނަން. މި ފަހަރު ދޭ ޔަގީންކަމަކީ އެކަންކަން އަޅުގަނޑު ކޮށްދޭނެ ކަމުގެ ޔަގީންކަން.“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ އަބުރުވެރި، ފުދުންތެރި ރައްޔިތެއްގެ ގޮތުގައި ދިރިއުޅެން ކަމަށާއި އެކަން ކުރެވެން އަންނަނީ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކުރެވިގެން ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް 5 އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖައްސައިދެއްވާނެ ކަމަށާއި ވަޒީފާގެ ފުރުޞަތު ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.









