މީޑިއާގެ އަޚުލާގީ މިންގަނޑާ އެއްގޮތަށް ޚަބަރު ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދިއްޖެއެވެ.
އެމްއެމްސީ އިން މިގޮތަށް އެދުނީ ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކެމްޕެއިން ޚަބަރުތައް ގެނެސްދިނުމުގައްޔާއި ނޫސްތަކުގައި ކެންޑިޓޭޓުންނާ ގުޅޭ ކޮންޓެންޓް ޝާއިޢުކުރުމުގެ ތެރޭގައި، ބައެއް ނޫސްތަކާއި މީޑިއާތަކުން ”ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑު“ ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބެލުމެއްނެތި އެކިއެކި ކޮންޓެންޓް ޝާއިޢުކުރަމުންގެންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާތީ، އެކަން އެގޮތަށް ނުކުރުމަށް މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ވަކި ސުލޫކީ މިންގަނޑަކަށް އަމަލުކުރުމަށް، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ، ”އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުން“ ލާޒިމުކޮށްފައިވީހިނދު، ނޫސްތަކާއި މީޑިއާތަކުން ވެސް އެ މިންގަނޑަށް އަމަލުކުރަން ލާޒިމްވާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ނަމަވެސް، އެ މިންގަނޑުތަކާ ޚިލާފަށް އެކި ލިޔުންތަކާއި ކޮންޓެންޓް ނޫސްތަކުގައި ޝާއިޢުކުރުމުންދާކަން އެ ކައުންސިލަށް ވަނީ ފާހަގަކުރެވިފައި ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އެގޮތުން، ކެންޑިޑޭޓުންގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުމާއި، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ޙަޤީޤަތް އޮޅޭ ފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭ ގޮތުން ވާހަކަދެއްކުމާއި، މީހުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުމަކީ، ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން ދިނީކަމަށް ބެލެވޭނެ ކަންކަމުގެ ތެރޭގައި އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިމަނާފައިވާ ބައެއް ކަންކަން ކަމުގައި ބުންޏެވެ.
އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ނުކުރުމަށް ނޫސްތަކާއި މީޑިއާތަކަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން، އެއްވެސް ގޮތަކަށް އެންޓި-ކެމްޕެއިން ނުކުރުމަށާއި، ކެމްޕެއިންކުރުން ޤާނޫނުގައި މަނާކޮށްފައިވާ ވަގުތުތަކުގައި ކެމްޕެއިން ނުކުރުމަށް ނޫސްތަކުން އިތުރަށް ސަމާލުވާންޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެގޮތުން ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި، 29 ސެޕްޓެމްބަރު 2023 ވާ ހުކުރު ދުވަހުގެ ހަވީރު 6.00 ން ފެށިގެން 01 އޮކްޓޫބަރު 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6.00 އާ ދެމެދު ކެމްޕެއިންކުރުން މަނާވާނެކަމުގައި މި ފުރުސަތުގައި ހަނދުމަފުޅުކޮށްދެމެވެ.
މި މުއްދަތުގެ ތެރޭގައި މި ކައުންސިލުން މިކަންކަން މޮނިޓަރކުރަމުންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.









