ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:00 އާއި ހަމައަށް %44 މީހުން ވޯޓުލާފައި ވެއެވެ.
އެގޮތުން 61343 އަންހެނުންނާއި 65523 ފިރިހެނަކު ވޯޓުލާފައިވާ ކަމަށާއި އެއީ ޖުމްލަ 126866 މީހުން ކަމަށް ވެްސ އީސީ އިން ހާމަކުރައްވައެވެ.
އީސީ އިން ބުނީ މިއަދު ހަވީރު 05:00 އާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށާއި ވަގުތު އިތުރު ނުކުރާނެ ކަމަށެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ވަނީ ލިބިފައެވެ. މިއަދު ހެނދުނު 8 ޖެހުމާއެކު މާލެއާއި އަތޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ.
ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލާ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިފަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ގަޑިއަށް އިތުރު އެއްގަޑިއިރު އިތުރުކޮށްދެއްވާފައެވެ.









