ނޮވެމްބަރު 11 އަކީ ތާރީޚުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސް ކަމަށާއި އެކަމުގައި ޤާނޫނީ ހުރަހެއް ނެތްނަމަ އެ ދުވަހު ސަރުކާރު ބަދަލުވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުން ލިބިވަޑައިގެން ނާކާމިޔާބީ އަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސަރުކާރު ބަދަލުވާނެ ދުވަހަކީ ނޮވެމްބަރު 11 ވަނަ ދުވަސްކަމަށް އޮތުން އެއީ އެމަނިކުފާނު ވެސް އެންމެ ބޮޑަށް އެދިވަޑައިގަންނަވާ ދުވަސް ކަމަށެވެ.
އެހެންވެ، އެކަން އެގޮތަށް ކުރެވޭތޯ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ރައީސް ސާލިހު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރުކަމަށެވެ.
އެހެންނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ހުވާ ކުރެއްވީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. އެއަށްފަހު އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ދައުރު ހަމަވެ، ސަރުކާރު ބަދަލުވާނެ ދުވަހަކީ ނޮވެމްބަރު 11 ވަނަ ދުވަސް ކަމަށެވެ.
ވެރިކަމުގެ ދައުރުގައި ކުރެއްވި މަސައްކަތްތަކާއި ގުޅޭގޮތުން ވިދާޅުވީ ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދެވުނުކަމަށާއި ހެޔޮވެރިކަމެއް ކުރެވިއްޖެކަމުގެ އިޙްސާސް ކުރެއްވޭ ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް ވަނީ ކެބިނެޓާއި ރައީސް އޮފީހުގެ މުވައްޒަފުންނާއި، ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދެއްވި މެންބަރުންނާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކާއި މީޑިއާއަށް ޝުކުރު އަދާކުރައްވާފައެވެ.









