މިއަހަރުގެ ނޮވެމްބަރު 17 ގެ ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕީއެންސީ، ޕީޕީއެމް ކޯޅިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މާލޭ ސިޓީގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ ކުރިން ވެސް އޭނާ ވިދާޅުވި ގޮތަށް އިންތިހާބު ކާމިޔާބު ވުމުން ޔާމީން ގެއަށް ގެނެސްދެއްވާނެ ކަމަށް މީޑިއާގެ ކުރިމަތީގައި ވިދާޅުވި ކަމަށާއި އެގޮތަށް އެކަން ކުރައްވައިފި ކަމަށެވެ.
އެގޮތުން އަންނަ ނޮވެމްބަރު މަހުގެ 17 ވަަނަ ދުވަހާ ހަމައަށް ދާއިރު، ޔާމީން މިނިވަން ނުވާނަމަ، އެއީ މި ސަރުކާރުން ނުފޫޒު ފޯރުވާތީ ކަމަށާއި އެއީ ރައީސް އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނޮވެމްބަރު 17 ވަނަ ދުވަހު ސަރުކާރުގެ ނުފޫޒަށް ނިމުމެއް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް ނޮވެމްބަރު 17 ގެ ފަހުން ރައީސް ޔާމީން މިނިވަން ވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.
11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން، ގެކޮޅަށް ބަދަލު ކުރީ، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީން ހޯދި ކާމިޔާބާއެކު މުއިއްޒު އެގޮތަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ގޮވާލެއްވުމުންނެވެ.









