”ވާނުވާ ބަންދު“ގެ ނިޒާމު ރާއްޖެއިން ފޮހެލައްވާ ފަނޑިޔާރުގެތައް މިނިވަންކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސްކަމުގެ ހުވާ ކުރައްވާ ދުވަހުން ފެށިގެން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުމަކަށް އަންނާނެ ކަމަށެވެ.
އެއާއެކު ރައީސް ޔާމީން މިނިވަންވެގެންދާނެ ކަމަށާއި އެހެންކަމުން ބޭރުން މަގުމައްޗަށް ނުކުމެ އެކި ކަހަލައިގެ ޖަލްސާތައް ބާއްވައި އަޑުގަދަކޮށް ހިނގާލުން ބާއްވާ ހެދުމަށް ނޭދޭ ކަމަށާއި އެކަން ނުކުރެއްވުމަށް ޑރ. މުއިއްޒު ވަނީ ގޮވާލާފައެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގައި އެމަނިކުފާނު ވަކި މަގަކުން ހިންގަވާ، އަދި ދެ ޕާޓީގެ މެންބަރުން ވަކި މަގަކުން ހިންގަވާނަމަ ގައުމަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.









