Search Streamline Icon: https://streamlinehq.com

އިންތިހާބީ ރައީސް އާއި ނައިބު ރައީސް 3 ގައުމެއްގެ ސަފީރުންނާ ބައްދަލުކުރައްވައިފި

Muizzu with India

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް  ހުސައިން މުހައްމަދު ލަތީފް، ތިން ގައުމެއްގެ ސަފީރުންނާ ބައްދަލުކުރައްވައިފިއެވެ.

އެގޮތުން ޗައިނާގެ ސަފީރު ވާން ލީޝިނާއި އިންޑިއާގެ ސަފީރު މޫނޫ މަހާވަރު އަދި ޔޫއޭއީގެ ސަފީރު ވަނީ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކަށް ބަލާލާއިރު، އެ ތިން ގައުމުގެ ސަފީރުންގެ އަރިހުން ވެސް މުއިއްޒު އެދިވަޑައިގަތީ އޭނާ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށެވެ. އަދި އެ ގައުމުގެ ސަރުކާރުން ދިވެހިންނަށާއި ރާއްޖޭގެ ތަރައްގީ އަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އޭނާގެ ވެރިކަމުގައި އެ ތިން ގައުމާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ ބަދަހިވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން އިންޑިއާގެ ސަފީރުގެ އަރިހުން މުއިއްޒު އެދިވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވުމަށާއި ރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް ދިވެހިން ނިންމި ނިންމުމަށް އިހްތިރާމް ކުރުމަށެވެ.

އިންޑިއާގެ ސަފީރު ވަނީ ރާއްޖޭގެ މުސްތަގިއްލު ކަމަށް ފުރިހަމަ އަށް އިހްތިރާމް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޔޫއޭއީގެ ސަފީރާ އެކު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އެ ގައުމާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އަރަބި އިސްލާމީ ގައުމުތަކާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޗައިނާ އާއި އިންޑިއާ އާއި ޔޫއޭއީގެ ސަފީރުން ވަނީ އެ ގައުމުތަކާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަމާއި، ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ އެކި ދާއިރާތަކަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *