ޕީއެންސީގެ އާ ރައީސްގެ މަގާމަށް މާލޭ ސިޓީގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހޮވައިފިއެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިހާބު ޕީއެންސީގެ ޓިކެޓުގައި ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް މުއިއްޒު ޕީއެންސީގެ ރައީސް ކަމަށް އިންތިހާބުކުރީ އެ ޕާޓީން ރޭ ބޭއްވި މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް ކަމަށް އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އައްޔަންކުރައްވާފައިވާއިރު، އެ ޕާޓީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބު ކޮށްފައެވެ.
ތިން ބޭފުޅުން ވެސް ޕީއެންސީގެ މަގާމުތަކަށް އިންތިހާބުކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 40 މެންބަރުންގެ އިއްތިފާގުންނެވެ.
މުއިއްޒު ޕީއެންސީ އަށް ސޮއިކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނިމިދިޔަ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް މުއިއްޒު ވެވަޑައިގަތީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓު ދެއްވި 48 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ އިއްތިފާގުންނެވެ.
އެއަށްފަހު މިދިޔަ މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުކުރައްވައި، މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރައްވައި ރައީސް ކަމަށް ހޮވިވަޑައިގެންފައެވެ. މުއިއްޒާ ވާދަކުރެއްވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.









