Search Streamline Icon: https://streamlinehq.com

ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމަކީ ކޮންމެ މީހަކަށް ވެސް އަތްފޯރާފަށުގައި ލިބެންޖެހޭ ޚިދުމަތެއް

Madam Fazuna

ލާމަރުކަޒީ އުސޫލުން އަތްފޯރާފަށުގައި ނަފްސާނީ ޞިއްޙަތުގެ ފަރުވާއާއި، އެހީތެރިކަން ލިބުމަކީ ދުޅަހެޔޮ، އުފެއްދުންތެރި، މުޖުތަމަޢެއްގެ ނާރެސް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ދެވަނަ ސައިކޮލޮޖީ ސިމްޕޯޒިޔަމް އަދި އެގްޒިބިޝަން އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކައިގާ އެކަމަނާ ވިދާޅުވީ މީހަކު ދިރިއުޅޭ ރަށަކަށް، މީހެއްގެ މާލީ ތަނަވަސްކަމަކަށް ނުވަތަ އެމީހެއްގެ ނަފްސާނީ ޙާލަތުގެ މިންވަރަށް ބެލުމެއްނެތި ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމަކީ ކޮންމެ މީހަކަށް ވެސް އަތްފޯރާފަށުގައި ލިބިގަނެވޭނެ ޚިދުމަތަކަށްވުން މުހިންމުކަމެއްކަމުގައެވެ.

އެކަމުގެ ބޭނުމަކީ، މުޖުތަމަޢެއް ބިނާކުރުމުގައި ފަރުވާނުކުރެވިހުރި ނަފްސާނީ މައްސަލަތަކުގެ ބުރައާނުލާ، ކޮންމެ މީހަކަށް ވެސް، އެންމެ އުފެއްދުންތެރި އެންމެ އުފާވެރިގޮތުގައި އެމީހެއްގެ ޚިދުމަތް މުޖުތަމަޢާ ޙިއްޞާކުރުމުގެ ހެޔޮކަން ލިބުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައިވާއިރު، އެގޮތުން، ސްކޫލްތަކަށް ޚާއްޞަ ޕްރޮގްރާމްތަކާއި ޕްރައިމަރީ ހެލްތްކެއަރގެ ނިޒާމުގެތެރެއިން ނަފްސާނީ ޞިއްޙަތާބެހޭ މައްސަލަތައް ދެނެގަނެ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަމާއި، ވަޞީލަތްތައް ތަނަވަސްކުރުން މުހިންމުކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

އެކަމަނާ ވަނީ ސުލްޙަ މަސަލަސް އުފާވެރި އުފެއްދުންތެރި މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި، އެންމެ ފަރުދެއް ވެސް ބާކީވެގެންދިޔަނުދީ އެމީހަކަށް އެކަށީގެންވާ ޙައްޤު ފަރުވާއެއް ލިބިދެވުމަކީ އެންމެ އެކުގައި ފުރިހަމަކުރަންޖެހޭ ޒިންމާއެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި މެދުކެނޑުމެއްނެތި ”އެވިޑެންސް-ބޭސްޑް“ ފަރުވާ، އެޚިދުމަތަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ އެކަމަނާ ކުރައްވާ އުންމީދެއްކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނަފްސާނީ ޞިއްޙަތުގެ ބިނާ، ހިތްވަރާއި، ފަންވަރާއި، އޯގާތެރިކަމުން ޒީނަތްތެރިވެގެންވާ ބިނާއެއްގެގޮތުގައި ފަރުމާކުރެވި ދެމެހެއްޓޭނީ އެންމެން އެކުގައި މަސައްކަތްކުރުމުން ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ވިލާ ކޮލެޖުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މި ސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވާފައި ވަނީ މިކަމަށްޓަކައި އެ ކޮލެޖުގެ ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަމުން ދަނީ ”މެންޓަލް ހެލްތް އިޒް އަ ޔުނިވަރސަލް ހިއުމަން ރައިޓް“ މި ޝިޢާރުގެ ދަށުންނެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *