ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަނީ ވެވަޑައިގެންނެވި ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދަވައި ދެއްވުމަށް ކަމަށް ޑިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއަރޕާރސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އަދުރޭ ވިދާޅުވީ ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާފައިވާ މާލޭ ސިޓީގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ވެސް ހޯދައި ދޭން ބޭނުންވާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި އެ ވައުދުތައް ފުއްދާ އިރު، ރައްޔިތުންގެ މަޖިލިސް ވެސް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. މުއިއްޒުގެ ފަސް އަހަރުގެ ދައުރެއް ނިންމާލާނީ އަންނަ ފަސް އަހަރަށް ވީ ވައުދުތައް ދެން އަންނަ ދައުރެއްގައި ފުއްދައިދޭނަމޭ ނުބުނެވޭ ވަރަށް މަސައްކަތް ކޮށްފައި ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުން އަހާނީ މިއަންނަ ފަސް އަހަރަށް އެރަށަށް ކޮށްދޭނީ ކޮންކަމެއްތޯ އާއި ވެރިކަމަށް އަންނަނީ އެވަރަށް އިތުބާރާއި ޔަގީންކަމާއި އެކު ކަމަށް ވެސް އަދުރޭ ވިދާޅުވެފައެވެ.
”ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ނުތިބޭނަން ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަކަށް ކުރިމަތިލާއިގެން ތިބެ، ތިމަންނަ ފުރަތަމަ ފަސް އަހަރަށް ވީ ވައުދުތައް ފުއްދަން އަދި އިތުރު ފަސް އަހަރު ދޭށޭ ބުނާކަށް ނުތިބޭނަން،“ އަދުރޭ ވިދާޅުވިއެވެ،
މީގެ އިތުރުން ވައުދުތައް ފުއްދުމަށް ބަޖެޓަށް ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށާއި އެގޮތުން މިއަހަރު ބާކީ އޮތްތަނަށް ބޭނުންވާ ސަޕްލިމެންޓަރީ ބަޖެޓަށް ކަންކަން ހުށަހެޅުމަށާއި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ކަންކަން ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރުގެ ސަރުކާރުން ފަހިކޮށްދީފައިވާކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.









