ވެރިކަމުގެ ފުރަތަމަ ހަފްތާގައި އިންޑިއާ ސިފައިން ބާލައި، އެމައްސަލަ ހައްލު ކުރައްވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”އަލްޖަޒީރާ“ އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ރައީސްކަމުގެ ހުވާ ކުރައްވަ ދުވަހުން ފެށިގެން ކުރައްވާނެ ކަމަށެވެ. އަދި އުންމީދަކީ ހަފްތާއެއް ދުވަހުގެ ތެރޭގައި އެމީހުން ރާއްޖެއިން ބޭލުން ކަމަށެވެ.
ޕްމޮލެޓިކް އުސޫލުން، ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އެދޭނެކަމަށާއި ޑިޕްލޮމެޓިކް އުސޫލުން އެކަން ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އުއްމީދަކީ އެކަން ހާސިލްވާނެ ކަމަށް ކަމުގައި ވެސް ވިދާޅުވިއެވެ.
”ރާއްޖޭގައި ތިބީ ކިހާ ސިފައިންނެއްކަމެއް ނޭނގޭ. އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބިކަމަށް ސަރުކާރުން ވަނީ އެއްބަސްވެފަ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޢަދަދު ހާމަނުކުރުމަށް ސުޕްރީމް ކޯޓުގައި ވެސް ސަރުކާރުން ވަނީ އެދިފަ.“ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިިދާޅުވީ މިހާރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަކަމަށާއި ދެވަނަ ދައުރެއް މިސަރުކާރަށް ރައްޔިތުން ދޭން ބޭނުންނުވީވެސް އެ ސަބަބާއިހުރެ ކަމަށެވެ. އަދި ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ޤާއިމްވެ ތިބުމަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ނުރައްކާތެރިކަން އިހްސާސްވާ ކަމެއްކަމުގައި ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް މަސައްކަތް ކުރެއްވިނަމަވެސް އެޤައުމާއެކު ރާއްޖެއިން ދަމަހައްޓަމުން އައި ޒަމާންވީ ގުޅުމަށް ބުރުލެއް ނާންނާނެ ކަމުގެ ޔަޤީންކަން އޮތްކަމަށެވެ.
އެގޮތުން މުއިއްޒު ވަނީ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ އިން ދޭ އެހީތެރިކަން ބަލައިގަންނަކަމަށް ވެސް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އިންވެސްޓްމަންޓް އިތުރުކުރުމަށާއި، ވިޔަފާރީގެ މުއާމަލާތްތަކަށް އިންޑިއާއިން ޝަޢުގުވެރިވާކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.









