ދުނިޔޭގެ މައިދާނުގައި ފަތުރުވެރިކަމުގެ އެންމެ އިސް މަގާމު ރާއްޖެއިން ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބަނޑޮސް ރިސޯޓްގައި މިހާރު ކުރިޔަށްދާ ހޮޓަލިއާ މޯލްޑީވްސްގެ ޖެނެރަލް މެނޭޖާސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ފައިދާ ބެހިގެންދިއުން ފުޅާކޮށް އެ ސިނާއަތަކީ ކޮންމެ ދިވެއްސަކަށް ފައިދާ ކުރަނިވި ސިނާއަތަކަށް ހެދުމަށް އުންމީދުކުރައްވާ ކަމަށާއި މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި މަސައްކަތަށް އެކަށޭނަ ރަނގަޅު މުސާރައެއް ކަށަވަރު ކަމާއެކު މުވައްޒަފުންގެ އާއިލާތަކާއި އެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ފައިނޭންސަރުންނާއި ކޮންޓްރެކްޓްރުންނާއި އެކު މަސައްކަތް ކުރައްވާނެ ކަމަށާއި ދެކުނުގައި ސީ ޕްލޭން ހަބެއް ތަރައްޤީކޮށް ޑޮމެސްޓިކް އެއަރޕޯޓްތަކާއި އެކު ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކޮށް ރިސޯޓްތަކާއި، ގެސްޓް ހައުސްތަކަށް ފަތުރުވެރިން އައުން އިތުރު ކުރެވޭނެ ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ މަސައްކަތް ބާރަށް ކުރިަޔށް ގެންގޮސް 2024 ވަނަ އަހަރުގެ ޕީކް ސީޒަނަށް މަސައްކަތް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިންތިހާބީ ރައީސް ވިދާޅުވިއެވެ.









