ދުނިޔޭގެ ބާރުގަދަ ގައުމުތަށް ކަމަށްވާ ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުގެ އަރާރުމުގެ ތެރެއަށް ވަންނަ ވަރަށް ވުރެ ރާއްޖެ މާ ކުޑަ ކަމަށާއި އެފަދަ ކަމެއްގެ ތެރެއަށް ނުވަންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބީބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ކެމްޕެއިން ކުރެއްވި އިރު، ވައުދުވެވަޑައިގެންނެވި ގޮތަށް އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ފޮނުވާލާނެ ކަމަށެވެ. އަދި ދިވެހި ފަސްގަނޑުގައި ބޭރުގެ އަސްކަރީ ސިފައިންގެ އެންމެ ބޫޓެެއް ވެސް ހުންނަ ނުވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވެރިކަަމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިންޑިއާ ސިފައިން ބޭރު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ބޭނުން ނުވާ ކަމަށް އިންޑިއާ ސަފީރަށް ވަރަށް ސާފުކޮށް ދަންނަވާފައި ވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
”ދިވެހި ސަރުކާރުން އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ވަނީ ކޮންއެއްޗެއް ކަމެއް ނޭނގެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އެ އެއްބަސްވުންތަކުގައި ވަނީ ކޮން އެއްޗެއްކަން އެނގިވަޑައި ނުގަންނަވާ.“ މުއިއްޒު ވިދާޅުވިއެވެ.
އެހެންނަމަވެސް އެ އެއްބަސްވުންތަކުގައި ވާ އެއްޗެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އަކީ ”ޕްރޯ- ޗައިނާ“ (ޗައިނާއަށް ބުރަވާ) ކެންޑިޑޭޓެއް ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ވިދާޅުވީ އެމަނިކުފާނަކީ ”ޕްރޯ-މޯލްޑިވްސް“ ބޭފުޅެއް ކަމަށެވެ. އަދި އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގެ މިނިވަންކަމަށް ކަމަށާއި ވަކި ގައުމަކަށް އިސްކަން ދީ ނުވަތަ ވަކި ގައުމަކާ ޖައްސާލައިގެން ނޫޅުއްވާނެ ކަމަށެވެ.









